ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތައް ރަނގަޅަށް ތަހްގީގު ކުރެވި، ދައުވާ ނުއުފުލެންޏާ ސަރުކާރު ފޭލްވެދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ނޮވެންބަރު 28 ،2019 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި ޔާމީން ވަނީ މިދިޔަ ނޮވެންބަރު 30 ވަނަ ދުވަހު މިނިވަންވެ ވަޑައިގެންފައި ވަނިކޮށެވެ.
ސަރުކާރުން ޔާމީނަށް ކުރި ދައުވާގައި ބުނާގޮތުން، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ ސަރުކާރަށް ލިބެން ޖެހޭ ފައިސާއެވެ. ނަމަވެސް ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއާރްސީގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ކަމަށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ތަހްގީގު ކުރުމަށްޓަކައި ބޭރުގެ ފޮރެންސިކް އޮޑިޓަރުންގެ އެހީ ހޯދުމަށް މީގެ ކުރިންވެސް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މި މައްސަލާގައި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ވަނީ އުފުލާފައެވެ.. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ. ނަމަވެސް މަހްލޫފް އެ ދައުވާއަށް އިންކާރު ކުރައްވައެވެ.
އެ މައްސަލައާ ގުޅިގެން މަހްލޫފް މަގާމުން ވަކިކުރުމަށް އެކި ފަރާތްތަކުން ސަރުކާރަށް ގޮވާލާފައިވެސް ވެއެވެ.