އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގައި ބުރުގާ އަޅައިގެން ކުލާސްތާކަށް ހާޒިރުވުން މަނާ ކުރި މައްސަލަ ބަލަމުން ގެންދާ ފަނޑިޔާރަކަށް ނިސްބަތް ކޮށް، އިންޑިއާގެ ބަތޮލް ޗެތަން ކުމާރު ކުރި ޓްވީޓަކާ ގުޅިގެން އޭނާ ހައްޔަރު ކޮށްފިއެވެ.

ޗެތަން ކުމާރު ފާޑު ކިޔާފައި ވަނީ މައްސަލަ ބަލާ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ކްރިޝްނާ ދިކްޝީތުއަށެވެ. ފަނޑިޔާރު ދިކްޝީތާ ބެހޭ ގޮތުން ޗެތަން ކުރި ޓްވީޓްގައި އޭނާ ވަނީ، މީގެ ކުރިން ރޭޕްގެ މައްސަލައެއްގައި އެކަށީގެން ނުވާ ހިޔާލުފާޅު ކޮށްފައި ވާ ފަނޑިޔާރަކު، މިފަދަ ހައްސާސީ މައްސަލައެއް ބަލަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ފުލްބްރައިޓް ސްކޮލާއެއްގެ އިތުރުން ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވަމުން އަންނަ ބަތޮލް ޗެތަން ކުމާރުގެ ޓްވީޓާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައި ވާ އިރު، އޭނައާ ދެކޮޅަށް 2 ދައުވާއެއް އުފުލާކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ވަކި ބަޔަކު ލައްވާ ހަމަނުޖެހުން ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން، ގަސްތުގައި ސުލްހަ ނަގާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ޖުޑީޝަލް މެޖިސްޓްރޭޓެއްގެ ކުރިމައްޗަށް ޗެތަން ކުމާރު ހާޒިރު ކުރާނެ ކަމަށް އިންޑިއާ ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮން އިރަކުން ކަމެއް ތަފްސީލު ކޮށްދީފައެއް ނުވެއެވެ.

ގިނަ ބަޔަކު ދަނީ ޗެތަން ކުމާރު ހައްޔަރު ކުރުމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.