ޔޫކްރައިންގައި ތިބި 25 ދިވެހި ދަރިވަރުން މިއަދު އެގައުމުން ރާއްޖެ އައުމަށް ފުރާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޔޫކްރެއިންގެ ކާރްކިވް ސަރަހައްދު (ރަޝިޔާ ބޯޑަރު ކައިރި)ގައި ޖުމަލް 35 ދަރިވަރަކު އުޅޭ ކަމަށެވެ.

މީގެ ތެރެއިން އެއް ދަރިވަރަކު މިހާރު ހުރީ މާލޭގައި ކަމަށާއި 4 ދަރިވަރަކު މިދިޔަ ހުކުރު ދުވަހު ފުރާފައިވާ ކަމަށާއި އަދި މިއަދު 25 ދަރިވަރުން އެގައުމުން ފުރާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ކާރްކިވްގައި މިވަގުތު 5 ދަރިވަރަކު އެބައުޅޭ ކަމަށާއި އަދި އެދަރިވަރުން އެގައުމު ދޫކޮށް ދިއުމުގައި މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ، ޔޫކްރައިންގައި މިވަގުތު ތިބި ދިވެހިން އަނބުރާ ގެނައުމަށްޓަކައި އެ މިނިސްޓްރީން ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް މީގެ ކުރިން ބުނެފައެވެ.

އެގޮތުން، އެހީތެރިކަން ފޯރުކޮށްދޭނީ ހަމައެކަނި މިވަގުތު އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ކަމަށާއި، ޔޫކްރައިންގެ ބޯޑަރުތައް ހުޅުވާލާފައިވާ އޮތުމުން، ދަރިވަރުންނަށް ފްލައިޓްތަކުން އަނބުރާ އާދެވޭނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މިވަގުތު ރަޝިއާއާއި ޔޫކްރެއިންގައި ހަނގުރާމައެއް ފަށައިފި ނަމަ ނުރައްކާވާނެތީ ރައީސްއިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމާއި ގުޅިގެން ޔޫކްރެއިންގައި ދިރިއުޅޭ 50 ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 49 ދަރިވަރަކާއި ދަރިވަރެއްގެ އާއިލާގެ ފަރާތެއް ހިމެނެއެވެ.

މި ދަނޑިވަޅަކީ ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައި ވާ ދަނޑިވަޅެކެވެ. ޔޫކްރައިންގެ މަސްރަހު ނުތަނަވަސް ވެފައި ވަނީ، ރަޝިއާއިން ކޮންމެ ފަދަ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފަށާފާނެ ކަމުގެ އިންޒާރު، އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން ދެމުންދާ ދިއުމާ ގުޅިގެންނެވެ.

އެމެރިކާއިން މިފަދަ އިންޒާރުތަކެއް ދެމުން ދަނީ ޔޫކްރައިންއާއި ރަޝިއާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުން ދާ ކަމުގެ ހެކި އެބަހުރި ކަމަށް ބުނެއެވެ. ރައްދުގައި ރަޝިއާއިން ބުނަމުން ދަނީ ހަނގުރާމައެއްގެ ޝައުގު ނެތް ކަމަށެވެ.