ހުޅުމާލޭގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރުމުގެ ކުރިން ވެސް، އެޗްޑީސީގެ އަތުގައި ސައްހަ ރަޖިސްޓްރީއެއް ނޯންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން އެޗްޑީސީން ކައުންސިލަށް ބަހުގެ ހަމަލާތަކެއް ހައި ކޯޓުގައި މިއަދު އަމާޒުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޖަލްސާއަކަށް އެޗްޑީސީން ހުރަސް އެޅި މައްސަލައެއް ހޫނުވެފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުން މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، އެޗްޑީސީ އަތުން ހުޅުމާލެ އަތުލާފައެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކޮށްފައެވެ. ކައުންސިލްގެ ނިންމުން ތަންފީޒު ކުރުން ކޯޓުން ހުއްޓުވި މައްސަލަ އެ ކައުންސިލުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރި އިރުވެސް ސައްހައެއް ނޫން: ކައުންސިލް

އެގޮތުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިޓީ ކައުންސިލްގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، ސަރުކާރުން އެޗްޑީސީއަށް ދީފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ، މާލެ ސިޓީ ކައުންސިލުން ބާތިލް ކުރުމުގެ ކުރިން ވެސް އެ ރަޖިސްޓްރީއަކީ ސައްހަ ނޫން ރަޖިސްޓްރީއެއް ކަމަށެވެ. އެއީ ހުޅުމާލޭގައި އެހެން ފަރާތްތަކަށް ވިއްކާފައިވާ ބިންތައް ހިމެނޭތީ، އެހެން ބަޔަކު ގަނެ، މިލްކު ކޮށްފައިވާ ބިންތައް ހިމެނޭ ގޮތުން މުޅި ހުޅުމާލެއަކީ އެޗްޑީސީގެ މިލްކަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިން އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައި އޮތް ނަމަވެސް އެ ބިމުގެ ބައެއް އެހެން ފަރާތަކަށް ރަޖިސްޓްރީ ކުރުމާ އެކު އެޗްޑީސީއަށް ސަރުކާރުން ދިފައިވާ ރަޖިސްޓްރީ ބާތިލް ވާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ. އެހެންކަމުން ދެން ޖެހޭނީ ވިއްކި ބައިތައް އުނިކުރުމަށް ފަހު ދެން ހުރި ބައިތައް ހިމަނައިގެން އަލުން ރަޖިސްޓްރީއެއް ހަދަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެޗްޑީސީއަށް ދޫކޮށްފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ ސައްހަ ކަމަށް ކޯޓުން ބަލައިފި ނަމަ، ހުޅުމާލެއިން މީހުން ގަނެފައިވާ ބިންތަކުގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ކައުންސިލުން ބުނުމަކުން ބާތިލްވެފައިވާ ރަޖިސްޓްރީއެއް ކަމަށް ނުނިންމޭނެ: އެޗްޑީސީ

ރައްދުގައި އެޗްޑީސީގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ، މާ ކުރިން ވެސް ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށް ކައުންސިލުން ބުނެލާ ބުނުމަކުން ބާތިލްވެފައި އޮތް ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި ގާނޫނު އޮންނަ ގޮތުން ބިމުގެ މިލްކުވެރިން ހޯދޭނީ ވެސް ނުވަތަ އަތުލެވޭނީ ވެސް ޝަރުއީ މަރުހަލާ މެދުވެރިކޮށް ކަމަށާއި "އެއް ވާހަކައެއް ކިތަންމެ ވަރަކަށް ދެއްކިޔަސް" މާ ކުރިން ރަޖިސްޓްރީ ބާތިލްވެފައި އޮތްކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ރަޖިސްޓްރީއެއް އެޗްޑީސީއަށް ސަރުކާރުން ދޫކޮށްފައި އޮތުމުން އެ ބިމުގެ މައްޗަށް އެ ކުންފުނީގެ ހައްގެއް އޮތްކަމާ މެދު ސުވާލު އުފެއްދެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ރަޖިސްޓްރީއަކީ އެޗްޑީސީން އަމިއްލައަށް އުފައްދައިގެން އުޅޭ ފޯޖް ލިޔުމެއް ކަމަށް ސިޓީ ކައުންސިލަށް ވެސް ބުނެވެން ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ހުޅުމާލޭގެ ރަޖިސްޓްރީގައި ސޮއި ކޮށްފައި އޮތީ މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު މުހައްމަދު މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެން ސިޓީ ކައުންސިލުން ފާހަގަކުރި މައްސަލައަކީ އެޗްޑީސީގެ ދަށުގައި ހުޅުމާލެ އޮތުމުން ކައުންސިލްގެ ޒިންމާތަކަށް ހުރަސް އެޅޭ ކަމަސް ބުނާ މައްސަލައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް އަލިއަޅުއްވާ ލައްވަމުން ޝިޔާޒް ވިދާޅުވީ، ރަށްރަށުގެ ބަނދަރުތަކާއި އާންމު ތަންތަން ބެލެހެއްޓުމުގެ ޒިންމާ އޮތީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ކަމަށެވެ. ނަމަވެސް އެޗްޑީސީއަށް ހުޅުމާލޭ މިލްކުވެފައި އޮތުމުން އެ ޒިންމާތައް އަދާ ނުކުރެވޭތީ، ސިވިލް ކޯޓުގެ އަމުރުގެ ސަބަބުން ކައުންސިލަށް ލިބޭނެ ގެއްލުން މާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނާ ގުޅޭ ގޮތުން ކައުންސިލުން ހުށަހެޅި މައްސަލައަށް ރައްދު ދެއްވަމުން ސިރާޖް ވިދާޅުވީ އޭގެ ހައްލަކީ އެ ކުންފުނީގެ މުދަލެއް ނުހައްގުން އަތުލުން ނޫން ކަމަށެވެ. އެގޮތުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ މިިނިވަންކަމާއި ވޯޓުލުމުގެ މިނިވަން ކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި މިފަދަ ކަންތައްތަކަށް ހުރަސް އެޅޭ ނަމަ ގާނޫނު ދައްކާ މަގަކީ މުދާ ނަގައި، މުދާ ނައްތާލުމެއް ނޫން ކަމަށް އޭނާ ވިދާލުވިއެވެ.

ހުޅުމާލޭގެ ބިމެއް އެޗްޑީސީ އަތުން ސިޓީ ކައުންސިލަށް ނެގޭނީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އާންމުވެގެންވާ ފައިދާއަކަށްޓަކައި އަދި ޝަރީއަތް މެދުވެރިކޮށް އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް ސިރާޖް ވިދާޅުވިއެވެ. އެކަމަކު ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމީ އެއިން ކަމެއް ނުކޮށް ކަމަށް ކަމަށާއި، އެކަން ކުރެވޭ ނަމަ މީހުންގެ މުދާ ބޭނުން ކޮންމެ އިރަކު ކައުންސިލްތަކަށް އަތުލެވޭނެ ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގެ ބިމާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކާ އެ ކުންފުނިން މުއާމަލާތު ކޮށްފައި ވާތީ އެ ބިން އަތުލައިފި ނަމަ، އެޗްޑީސީ އަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކައުންސިލުން ފާހަގަ ކުރި އިޖްރާއީ ނުކުތާ ނުބަލަން އެ ކޯޓުން ނިންމި ނިންމުމާ މެދު މިއަދު ގޮތެއް ނިންމުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިފައެވެ. އެކަމާ އެޗްޑީސީން ދެކޮލޫ ހަދައި ބުނީ، ވަގުތީ އަމުރުގެ މައްސަލައިގެ ތެރެއިން ސިވިލް ކޯޓުގެ އިހްތިސާސާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

އެޗްޑީސީން އެދުނު ގޮތަށް ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ އެގޮތަށެވެ. އިޖްރާއީ ނިންމުން އިސްތިއުނާފް ކުރެވޭނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށާއި މި މައްސަލައިގައި އެ ނުކުތާއަށް ގޮތެއް ނުނިންމޭނެ ކަމަށް ބެންޗުން ވިދާޅުވިއެވެ.