ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީން ފަހު ފުރުސަތެއް ދީފިއެވެ.

އެޗްޑީސީން ބުނީ، ހާބާ 1، ހާބާ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެށުމަށް ބިން ހުސްކޮށް އަންނަ މަހު ކޮންޓްރެކްޓަރުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހިން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ހުސް ބިންތަކުގައި ހުއްދަ ނެތި ބަހައްޓާފައިވާ ތަކެތި ނެގުމަށް މިދިޔަ މަހުގެ 18 ގައި ވެސް އެދިފައި ވާނެ ކަމަށެވެ.

އެ ޕްރޮޖެކްޓުތައް ފެށުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރުމަށް އެޗްޑީސީން ނިންމާފައިވާތީ، އެ ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތް ތަކުން އެ މުއްދަތުގެ ކުރިން އެ ތަކެތި ނެގުމަށް އެޗްޑީސީން ބުނެއެވެ.

ހޮނިހިރު ދުވަހު މަސައްކަތް ފަށަންވާ އިރަށް އެ ބިމުގައި ހުރި ތަކެތި ނުނަގާ ނަމަ އެ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްފައިވާ ތަކެތި ކަމުގައި ބަލައި، އެ ތަކެއްޗާ މެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަސައްކަތުގައި ތަކެއްޗަށް/ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ހުސްބިންތަކުގައި ހުރި ވެހިކަލްތައް ނެގުމަށް މީގެ ކުރިން އެޗްޑީސީން އިުލާން ކުރި ނަމަވެސް އެތަނުން ތަކެތި ނަގާފައެއް ނުވެއެވެ. އާންމުކޮށް އެ ސަރަހއްދުތަކުގައި ބަހައްޓާފައި ހުރި ވެހިކަލްތަކަކީ އާންމުކޮށް ނުނަގާ ތަކެތި ކަމާއި ބާވެފައިވާ ވެހިކަލްތައް ކަން ފާހަގަ ކުރެވެއެވެ.