އޯގާތެރިކަމާއި އަޅާލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫން ކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ގެވެށި އަނިޔާއާއި ދެކޮޅަށް މީހުން ހޭލުންތެރިކުރުމަށް "ސާސްތުރަ"އިގެ ނަމުގައި ހާއްސަ މަޖައްލާއެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަޒްނާގެ ވާހަކަފުޅުގައި "ގެވެށިގުޅުން" ކެންޕެއިން ގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުންކަމަށް ވުމުން ކަމުގައި ވިދާޅުވިއެވެ. އަދި ހަދާ ގާނޫނުތަކާއި ހަވައިދުތަކުންވެސް އެދެވޭ މުހިންމު ބަދަލެއް އަންނާނީ، އަޑުއެހުމުގެ މުހިންމުކަމުގެ އަގުވަޒަންކުރާ، ބަދަހި ގެވެށި ގުޅުމެއްގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އޯގާތެރިކަމާއި އަޅާލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫންކަމަށާއި ގޭގައި އުޅޭ ކޮންމެ މީހެއްގެވެސް ދައުރެއް އެކަމުގައި އޮންނަންވާނެކަން ގަބޫލުކުރަންޖެހޭކަން ފަޒްނާ ފާހަގަކުރެއްވިއެވެ. އަދި ގޭގައި އަންހެނުން އަދާކުރާ ދައުރު ފިރެހެނުން ބަލައިގަނެ އެކަމުގައި ބައިވެރިވާންޖެހޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ، " ގެވެށިގުޅުން" ކެމްޕޭނުގެ ސަބަބުން ގިނަބަޔަކު ހޭލުންތެރިވެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެދޭ ހަގީގީ އަދި މާނަހުރި ބަދަލަކަށް ވާސިލުވެވޭނީ ހަރުދަނާ ގެވެށި ގުޅުމެއްގެ ތެރެއިން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
މިކެމްޕޭނުގެ ދަށުން ނެރުނު "ސާސްތުރަ" މަޖައްލާއަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރި މަޖައްލާއެކެވެ.
މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ހިމަނާފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޙިދުމަތްތަކާ ގުޅޭ މައުލޫމާތު މި މަޖައްލާގައި ހިމެނެއެވެ.