އިންޑިއާއަށް ނިސްބަތްވާ، ރާމޭޝްބާބޫ ޕްރަގްނަންދާ، އޮންލައިން ޗެމްޕިއަންޝިޕެއްގައި، ދުނިޔޭގެ 1 ނަމްބަރު ރާޒުވާ ކުޅުންތެރިޔާ މެގްނަސް ކާލްސަން ބަލިކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޕްރަގްނަންދާ،16، އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޗެސް މާސްޓާގެ ދަރަޖަ ހޯދީ އެންމެ ހަގު ކުޅުންތެރިޔާއެވެ. އެއީ 2016 ވަނަ އަހަރު، އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ.

ޕްރަގްނަންދާ، ކާލްސަން ބަލި ކުރީ އެއާތިންގްސް މާސްޓާޒް ރެޕިޑް ޗެސް ޓޯނަމަންޓްގައި، ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

މީގެ ކުރިންވެސް އިންޑިއާ ބަޔަކު ވަނީ، 2013 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންގެ ދަރަޖަ ހޯދި، ނޯވޭއަށް ނިސްބަތްވާ ކާލްސަން ބަލިކޮށްފައެވެ. ނަމަވެސް ޕްރަގްނަންދާ އަކީ ކާލްސަން ބަލި ކުރި އެންމެ ހަގު ކުޅުންތެރިޔާއެވެ.

ޕްރަގްނަންދާގެ ކާމިޔާބިއާއެކު އިންޑިއާގެ ކުރިކެޓް ތަރި ސަޗިން ތެންޑުލްކާރު ފަދަ ތަރިން ދަނީ، ޕްރަގްނަންދާއަށް މަރުހަބާ ކިޔަމުންނެވެ. އަދި ޕްރަގްނަންދާ އަކީ އިންޑިއާގެ ފަހްރެއް ކަމުގައި ސިފަ ކުރަމުންނެވެ.

ކާލްސަން ވަނީ، ދާދި ފަހުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އިންފެކްޓްވެ، އަދި މުޅިން ސިއްހީ ގޮތުން ދުޅަހެޔޮކަން ލިބިފައި ނުވާ ކަމަށް ބުނެފައެވެ. ގައިގައި ވަރު ނުހުންނަ ކަމަށާ، ކަންކަމަށް ސަމާލުކަން ދޭންވެސް އުނދަގޫ ވާ ކަމަށް ކާލްސަން ވަނީ ބުނެފައެވެ.