މަސްރަހު ނުތަނަވަސް ވެފައިވާ ޔޫކްރައިންގެ އިރުމަތީ ސަރަހައްދުތަކަކީ މިނިވަން ދައުލަތްތަކެއް ކަމުގައި ބަލައިގަނެ، އެ ސަރަހައްދުތަކަށް އަސްކަރީ ފައުޖު ފޮނުވުމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ނިންމެވި ނިންމެވުން ކުށްވެރި ކުރުމަށް، މުޅި ދުނިޔެ އެއްގަލަކަށް އެރުމަށް އެމެރިކާއިން ގޮވާލައިފިއެވެ.

އެމެރިކާއިން މިކަމަށް ގޮވާލާފައި ވަނީ ޕޫޓިންގެ އަމަލުފުޅުތަކުގެ ސަބަބުން ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވުމާ ގުޅިގެން، މިއަދު ހެނދުނުގެ ވަގުތެއްގައި ފެށި އދގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމުގައެވެ.

ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރައްވަމުން، އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ލިންޑާ ޓޮމަސް-ގްރީންފީލްޑް ވަނީ، މި މައްސަލާގައި އެއްވެސް ގައުމަކަށް ހަވާސާ ވެގެން ނޯވެވޭނެ ކަމަށް ވިދާޅުވެފައެވެ. ރަޝިއާ ސަރުކާރުން ޔޫކްރައިންއާ ދެކޮޅަށް އެޅި ފިޔަވަޅަކީ، އދގެ ކޮންމެ މެންބަރު ގައުމެއްގެ އިތުރުން އދގެ ޗާޓާރާވެސް ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް، އެމެރިކާގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމުގެ ކުރިންވެސް އދގެ މަންދޫބު ވަނީ ޕޫޓިންއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޕޫޓިން ބޭނުންފުޅު ވަނީ އދ އުފެދުމުގެ ކުރީގެ ޒަމާނަކަށް ވަޑައިގަތުމަށް ކަމަށް ކަމަށާ، މިއީ 1919 ނޫން ކަމަށާ، މިއީ 2022 ވަނަ އެމެރިކާގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ޑޮނެޓްސްކްއާއި ލުހާންސްކް ސަރަހައްދަކީ މިނިވަން ދައުލަތްތަކެއް ކަމުގައި ބަލައިގަތުމަށް ރަޝިއާގެ ރައީސް ނިންމަވާފައި ވާ އިރު، މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އދއިން ވަނީ ބުނެފައެވެ.

ޔޫކްރައިންގެ މައްސަލައާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގެ ކުށްލި ބައްދަލުވުމެއް ފަށާފައި ވާ އިރު، ކައުންސިލްގެ ރިޔާސަތުގައި އޮތީ ރަޝިއާކަންވެސް ފާހަގަ ކުރަން ޖެހެއެވެ.