ޔޫކްރައިންގެ އިރުމަތީ ސަރަހައްދުތަކުގައި، އެ ގައުމުގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދުތަކަކީ، ވަކިވެފައި ވާ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ބަލައިގަންނަވައިފިއެވެ.
ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުތަކުގެ މިނިވަންކަން ރަޝިއާއިން ބަލައިގެންފައި މިވަނީ، ރަޝިއާއާއި ޔޫކްރައިންއާ ދެމެދު ހީނަރުވަމުން ދިޔަ ގުޅުމުގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ ދަނޑިވަޅެއްގެއެވެ. މިއާއެކު، ސުލްހައިގެ މަޝްވަރާތަކަށް އޮތް ފުރުސަތުގެ ދޮރު ވަނީ ބަންދުވެފައެވެ.
ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން ދިޔަ ޑޮނެޓްސްކްއާއި ލުހާންސްކް ސަރަހައްދުގައި ދިރިއުޅެމުން ދަނީ ރަޝިއާގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންނެވެ. ވަކިވެގަތުމަށް މަސައްކަތް ކުރާ ފައުޖުތަކުން ދަނީ، 2014 ވަނަ އަހަރުން ފެށިގެން، ޔޫކްރައިން ސަރުކާރުގެ ބާރުތަކާ ކުރިމަތިލަމުންނެވެ.
އަދުގެ ހަލާތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޔޫކްރައިންގެ ރައީސް ވްލޭޑްމިއާ ޒެލެންސްކީ ވަނީ، މި އަމަލަކީ ރަޝިއާއިން ގަސްތުގައި، ޔޫކްރައިންގެ އިސްތިގުލާލަށް އަރައިގަތުން ކަމުގައި ސިފަ ކުރައްވާފައެވެ.
ޓީވީ މެދުވެރި ކުރައްވާ ދަންވަރުގެ ވަގުތުގައި ގައުމާ މުހާތަބު ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ޔޫކްރައިންއިން ބޭނުން ވަނީ ސުލްހަ ކަމަށެވެ. ނަމަވެސް ޔޫކްރައިންއަކީ ބިރުގަންނާނެ ގައުމެއް ނޫން ކަމަށާ، ޔޫކްރައިންއަކީ އެއްވެސް ބަޔަކަށް އެއްވެސް އެއްޗެއް ދޫކޮށްލާނެ ގައުމެއް ނޫން ކަމަށެވެ.
ޔޫކްރައިންގެ އިރުމަތީ ސަރަހައްދަކީ މިނިވަން ދައުލަތްތަކެއް ކަމުގައި ރަޝިއާއިން ބަލައިގަތުމަކީ، ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔޫކްރައިންއަށް އެރުމަށް މަގު ތަނަވަސް ކުރަނިވި ކަމެއް ކަމަށް ހުޅަނގުގެ ބާރުތަކުން ދަނީ ސިފަ ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޕޫޓިންގެ އަމަލުފުޅު ކުށްވެރި ކުރައްވާފައެވެ. އަދި ވަކިވެގަތް ސަރަހައްދުތަކާއެކު ވިޔަފާރީގެ މުއާމަލާތް ކުރުން މަނާ ކުރަނިވި ރިޔާސީ ގަރާރެއްވެސް ނެރުއްވާފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ކަން މިހެން އޮތް އިރު ޕޫޓިން ވަނީ ސުލްހަ ބަލަހައްޓާ މިޝަންގެ ގޮތުގައި ރަޝިއާގެ އަސްކަރީ ފައުޖުތަކެއް ޔޫކްރައިންގެ އިރުމަތީ ސަރަހައްދަށް ވަނުމަށް އަމުރު ނެރުއްވާފައެވެ. ފާޑުކިއާ ފަރާތްތަކުން ވަނީ، މިއީ ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާއިން އަޅުވަމުން ދާ އަނދުނެއް ކަމަށް ސިފަކޮށްފައެވެ.