ދައުލަތުން ކުރާ ކޮންމެ ޝަރުތެއް ކޮށްފައި ވިޔަސް ބަންދުން ދޫކޮށްލަ ދިނުމަށް ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އެދިއްޖެއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ މިދިޔަ އޮކްޓޯބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އައްމަޓީގެ އެއްބަނޑު އެއްބަފާ ދެ މީހުން ޖާމިނުކޮށް ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އޭނާ ފިލައިގެން ދުޔުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިނިވަންވާން އައްމަޓީ އެދޭ ސަބަބުތަކުގެ ތެރޭގައި ބައްޕަ ބަލިވެ އުޅުމާއި ބޭސްފަރުވާ ކުރަން ޖެހިފައިވުމުގެ އިތުރުން މަދަނީ މުއާމަލާތްތަކަކާ ގުޅޭ މައްސަލައަކަށްވާއިރު އެފަދަ އެހެން މައްސަލަތަކުގައި ވެސް އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ނުގެންގުޅުމެވެ. އަދި އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި އައްމަޓީގެ ފަރާތުން ވަނީ ވަކި ގަޑިތަކެއްގައި ހާޒިރުވެ ސޮއި ކުރާ ގޮތަށް ހަމަޖެއްސުމާއި މޮނިޓާ ކުރުންގެ އިތުރުން ޕާސްޕޯޓު ހިފެހެއްޓުން ހިމެނެއެވެ.

ޝަރުތުތަކާއެކުވެސް އައްމަޓީ ދޫކުރުމަށް ދައުލަތުން މިއަދު ވަނީ ދެކޮޅު ހަދާފައެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.