އިންތިހާއަށް ނުތަނަވަސް ވެފައި ވާ ޔޫކްރައިންގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއެކު ސަމިޓަކަށް ވަޑައިގަތުމަށް، ޝަރުތަކާއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑަން އެއްބަސްވެވަޑައިގެންފިއެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ، އެ ގައުމުގައި ހަނގުރާމައެއް ކުރުމަށް ރަޝިއާއިން ރާވާ، އެކަމަށް ތައްޔާރު ވަމުން ދާ ކަމަށް އެންމެ ފާޅުގައި ވިދާޅުވަމުން ގެންދަވާ ބައިޑަން، ޕޫޓިންއާއެކު ސަމިޓަށް ވަޑައިގަތުމަށް ކަނޑައެޅުއްވި ޝަރުތާ ބެހޭ ގޮތުން ވައިޓްހައުސް އިން ބުނީ، އެ ބައްދަލުކުރެއްވުން ކުރިއަށް ގެންދިއުމަށް އޮތް ޝަރުތަކީ، ރަޝިއާއިން ޔޫކްރައިންއަށް ނޭރުން ކަމަށެވެ.

މި ސަމިޓް ކުރިއަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައި ވަނީ ފަރަންސޭސިވިލާތުންނެވެ. ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯން ވަނީ އެމެރިކާއާއި ރަޝިއާގެ ރައީސުންނާ ވަކިވަކިން ފޯނުން ގުޅުއްވާ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައި ކަމަށް ހަބަރު ލިބެއެވެ.

މި ބައްދަލު ކުރެއްވުން ވެގެން ދާނީ، މި ފަހުގެ ތާރީހުގައި ވިލާތުގެ ސަލާމަތަށް ކުރިމަތިވެފައި ވާ އެންމެ ހައްސާސީ ނުތަނަވަސްކަމުން އެ ސަރަހައްދު ސަލާމަތް ކޮށްދެނިވި، ޑިޕްލޮމެޓިކް ހައްލަކަށް ކަމުގައި ބެލެވެއެވެ.

ރަޝިއާ އޮތީ ޔޫކްރައިން ހިފަން ތައްޔާރަށް ކަމަށް، ޖާސޫސީ ހެކިތަކަކާ ހަވާލާދީ އެމެރިކާގެ އޮފިޝަލުން ވިދާޅުވާ އިރު، ރަޝިއާ ސަރުކާރުން އެ ތުހުމަތަށް ކުރަނީ އިންކާރެވެ.

ރަޝިއާއާއި އެމެރިކާގެ ރައީސުންގެ މެދުގައި ކުރިއަށް ގެންދަވާ ހާއްސަ ސަމިޓުގެ ތަފްސީލުތައް ކަނޑައަޅާނީ، އެމެރިކާގެ ހަރިޖީ ވަޒީރު ސަރްގެއި ލަވްރޯފްއާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކިން، އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަވާ މަޝްވަރާތަކުގައި ކަމަށް ފަރަންސޭސި ރައީސްގެ އޮފީހުން ހަބަރު ދެއެވެ.