އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ކުރިއަށްގެންދާ "އިންޑިއާ އައުޓު" ކެމްޕެއިން އަކީ ފަހުގެ ތާރީހުގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިއާ މިފަފައިން ވިދާޅުވީ "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ އެދިވަޑައިގަތުމަށް، ކޮމިޓީން ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މާރިއާ ވިދާޅުވީ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރީގެ ރައީސް ޔާމީން އެހިންގަވާ ކެމްޕެއިނަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީހުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށެވެ.
މިކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ ރާއްޖޭގެ ގައުމީ ދިފާއާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާ ކަމަށް ވެސް މިނިސްޓަރު މާރިއާ ވަނީ ފާހަގަކުރައްވާފައެވެ.
މާރިއާ ވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން، ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މާރިއާ ވަނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި މިނިސްޓަރު މާރިއާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި މެރިން ކޯ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއި ސާވިސް ކޯ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގާއި ޑައިރެކްޓާ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީއާއި ކޯސްޓް ގާޑު ކޮމަޑާންޓް ކާނަލް އިބްރާހިމް ހިލްމީއާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދާއި، އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓާނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް އަހުމަދު ޝަރީފާއި އިންޓާގްރޭޓެޑް ހެޑްކުއާޓާޒްގެ ޕްލޭންސް އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް ހަސަން އާމިރާއި މެޑިކަލް ކޯގެ ޕްރިންސިޕަލް ޑައިރެކްޓާ ޑރ. ފާތިމަތު ތަހުސީނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބަލަ ރައްޔިތުންނައް ހަގީގަތް އެނގޭ އަމިއްލަ ނަފްސައް އޮޅުވާ ލައިގެން އުޅޭ