މިދިޔަ 2021 ވަނަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅި 48 ޕަސެންޓް މައްސަލައަކީ އެ ހާދިސާއެއް ހިނގިތާ މަސްދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހެޅި މައްސަލަތައް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ ހާދިސާ ހިނގިތާ މަހެއްގެ ތެރޭގައި، ދައުވާ ކުރުމަށް 48 ޕަސެންޓް މައްސަލަ މިދިޔަ އަހަރު ކޯޓަށް ހުށަހެޅި އިރު 2020ގައި އެ އަދަދު އުޅެނީ 19 ޕަސެންޓުގައި ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ 378 މީހަކު މިދިޔަ އަހަރު ފަރުވާ ފުރިހަމަ ކުރިކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އެ އަދަދު މިދިޔަ އަހަރަށް ވުރެ މި އަހަރު ދެ ގުނަ އިތުރުކުރަން ޖެހޭ ކަމަށެވެ.

ދައުވާކުރުމަށް ނެގި މުއްދަތު:

  • 1 މަސް ނުވާ: 13 މައްސަލަ
  • 1 މަސް: 368 މައްސަލަ
  • 2 - 4 މަސް: 117 މައްސަލަ
  • 5 - 6 މަސް: 44 މައްސަލަ
  • 7 - 8: 33 މައްސަލަ
  • 9 - 10: 24 މައްސަލަ
  • 11 - 12: 17 މައްސަލަ
  • 1 އަހަރު: 91 މައްސަލަ
  • 2 އަހަރު: 25 މައްސަލަ
  • 3 އަހަރު: 13 މައްސަލަ
  • 3 އަހަރަށް ވުރެ ގިނަ ދުވަސް: 14 މައްސަލަ

ހާދިސާއެއް ހިނގި ތާރީހުން ފެށިގެން ދައުވާކުރުމަށް ހޭދަވި މުއްދަތައް ބަލާއިރު ހާދިސާ ހިނގިތާ މަސް ދުވަސް ނުވާ 114 މައްސަލައެއްގައި ދައުވާ ކޮށްފައި ވާއިރު މަސްދުވަސްވީ ފަހުން 75 މައްސަލައެއްގައި ވަނީ ދައުވާ ކޮށްފައެވެ. އަދި 133 މައްސަލައެއް ދައުވާ ކުރުމަށް 2 މަހާއި 4 މަސް ދުވަހުގެ މުއްދަތެއް ހޭދަވެފައި ވާއިރު 54 މައްސަލައެއްގައި ހާދިސާ ހިނގިތާ 5 މަހާއި 6 މަހާ ދޭތެރޭގެ މުއްދަތެއްގައި ވަނީ ދައުވާ ކޮށްފައެވެ. މީގެ އިތުރުން ހާދިސާ ހިނގިފަހުން 7 މަހާއި 8 މަސް ވެފައިވާ 24 މައްސަލައެއްގައި ދައުވާ ކޮށްފައި ވާއިރު 9 މަހާއި 10 މަސް ވެފައިވާ 2 މައްސަލައެއްގައި ވެސް ވަނީ ދައުވާ ކޮށްފައެވެ.