ޏ. ފުވައްމުލަކު ހޯދަނޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި އަނެއްކާވެސް އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑިއެފުން ބުނީ، ފުވައްމުލަކު ސިޓިގެ ހޯދަނޑު އަވަށާ ދިމާލުގައި އޮންނަ ވީދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހަވީރު 6:00 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން ކޮމާންޑުގެ ފުވައްމަލަކު ފަޔާ ސްޓޭޝަންގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވީ ސަބަބު އަދި އެމްއެންޑީއެފުން ހާމަ ނުކުރާ އިރު މި ހާދިސާގައި އަދި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މިއަދު ހަވީރު މި އަލިފާން ހިނގާފައި ވާއިރު، މީގެ 18 ދުވަސް ކުރިން، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ވެސް ވަނީ އެ ދަނޑުގައި އަލިފާން ރޯވެ ސިފައިން ހަރަކާތްތެރިވެފައެވެ. އެ ދުވަހު އެ އަލިފާން ކޮންޓްރޯލް ކުރެވުނީ 6 ގަޑިރުގެ މަސައްކަތަކަށް ފަހުއެވެ.