ރިސޯޓު ހަދަން ސަރުކާރުން ބީލަމަށްލާފައިވާ 21 ރަށް ހިމެނޭ ލިސްޓުން ށ. ކޮމަންޑޫ ކައިރީގައިވާ ތިން ރަށް އުނިކޮށްފިއެވެ.

ރިސޯޓު ލިސްޓުން އުނިކުރި ތިން ރަށަކީ ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށެވެ.

ލިސްޓުން މި ތިން ރަށް އުނިކޮށްފައި މިވަނީ އެ ރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އާދިއްތަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ. މިގޮތުން އެ އަމުރު ނެރުނީ ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޕްރިމިއާ އިކުއިޓީގެ ދައުވާގައި ބުނެފައިވަނީ ށ. ދިގުރަށާއި، ށ. މައިރަށާއި އަދި ށ. މެދުރަށަކީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެ ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ތިން ރަށް ކަމަށެވެ.

އެހެންކަމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު ގޮތެއް ނުނިމެނީސް އެރަށްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވައިދިނުމުގެ އަމުރަކަށް ވަނީ އެދިފައިވެއެވެ.

މި ރަށްތައް އެ ލިސްޓުން އުނި ކޮށްފައި މިވަނީ އިންތިހާބަކަށް ފަހު އެ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކޮށްފައި ވަނިކޮށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން ތިން ރަށެއް އިތުރު ކޮށްފައިވާ ކަމަށާއި އެއީ ށ. މެދުރަށާއި ދިގުރަށް އަދި މައިރަށް ކަމަށެވެ. މިއީ ޖުމްލަ 1.2 މިލިއަން ރުފިޔާއަށް ދޫކުރަން ނިންމާފައިވާ ރަށްތަކެއް ކަމަށާއި އެ ތިން ރަށުގެ ބޮޑު މިނުގައި 19 ހެކްޓަރު ހުންނާނެ ކަމަށް ޓޫރިޒަމުން ބުނެއެވެ.

ދުބާއީގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް އެކްސްޕޯގައި ރިސޯޓު ހަދަން ސަރުކާރުން އެންމެ ފުރަތަމަ އިއުލާން ކުރީ 18 ރަށެވެ. އޭރު އިއުލާން ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުގެ އެންމެ ރަށެކެވެ. ށ. ކުޑަޅައިމެންދޫއެވެ.