ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހްމަދު ނިހާން ހުސެއިން މަނިކުގެ ދިފާއީ ހެކިންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ޕީޖީ ހުސައިން ޝަމީމުގެ އިތުރުން ގިނަ ބައެއްގެ ނަން ހުށައަޅައިފިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް އުފުލައިފާ ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެ 36 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ނިހާންގެ ފަރާތުން ވަނީ ދިފާއީ ހެކިން ހުށަހަޅާފައެވެ. އެގޮތުން ޝަފަހީ ހެކިންގެ ގޮތުގައި ރައީސް ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމް ހުށަހަޅުއްވާފައިވަނީ މި ދެ ބޭފުޅުންނަކީ ވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ވާތީއެވެ. އަދި ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ނަން ވެސް ނިހާންގެ ފަރާތުން ވަނީ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަހިބަނދޫ މެންބަރު އަހުމަދު ތޯރިގު އާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އާއި ޕީޖީ ޝަމީމް އާއި އަދިވެސް ކުރީގެ ބައެއް މަޖިލިސް މެންބަރުންގެ ނަންތައް މިއަދު ވަނީ ކޯޓަށް ހުށަހަޅުއްވާފައެވެ.

އަހުމަދު މަހުލޫފް އާއި ޕީޖީ ޝަމީމްގެ ނަން ހުށަހަޅުއްވާފައިވަނީ އަދީބުގެ ފޯނާއި ލެޕްޓޮޕުން ހޯދާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވާތީ އެ މައުލޫމާތުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަން ސާބިތުކުރުމުގެ ގޮތުންނެވެ.

ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް މީގެ ކުރިން ވަނީ ނެރެފައެވެ. މި މައްސަލައިގާ ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލެކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމުގައިވާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.