ޓެކްސީ ޑްރައިވަރުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް، މަޖިލީހުގެ އިގްތިސޯދު ކޮމިޓީގެ ނައިބު މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މަޖިލިހުގެ އިދާރާގައި ޓެކްސީ ޑްރައިވަރުން ވަނީ އެ މީހުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ބޮންޑޭ އާ ބައްދަލުކޮށް، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ގެއްލުން ލިބޭނެ ކަމަށް އެ މީހުން ފާހަގަ ކޮށްފައިވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، މާލޭގެ ބައެއް މަގުތައް އޮންނަ ގޮތުން، ބައެއް ޓެކްސީތަކަށް ގެއްލުންވާކަން އިއްޔެ ޓެކްސީ ޑްރައިވަރުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް މަގުތައް ނުހަދައި އޮތުމުގެ ސަބަބުންނާއި، މީގެ ކުރިންވެސް ދިމާވި ބައެއް ހާދިސާތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ.

އިގްތިސޯދު ކޮމިޓީގެ ނައިބު މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ބައެއް ޓެކްސީ ޑްރައިވަރުންނާ ބައްދަލު ކުރައްވަނީ ---

ހަމަ އެއާއެކު، ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ޓެކްސީ ޑްރައިވަރުންްގެ އާމްދަނީއަށް ގެއްލުން ލިބެމުންދާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

އެހެންވެ، ޓެކްސީ ޑްރައިވަރުންގެ އެ ކަންބޮޑުވުންތަކާ މެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށް، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް އިއްޔެ ހިއްސާކުރި ކަމަށް އެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހީމް "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވައި ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ މެދުގައި ބައިވަރު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

އެގޮތުން ޓެކްސީކުރުމުގެ ގަވައިދެއް އޮތް ނަމަވެސް، އަމިއްލަ ބައެއް ފަރާތްތަކުންނާއި ބޭރު ބައެއް މީހުންވެސް އެއްވެސް ހަމައެއް ލަމައެއް ނެތި ޓެކްސީ ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ.

އެއާއެކު، އޭނާ ވިދާޅުވީ، ސަރުކާރުން ޓެކްސީކުރުމުގެ އަގުތަށް ކަނޑައަޅާފައިވަނީ ޓެކްސީ ޑްރައިވަރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށާއި، ސަރުކާރުން ޓެކްސީކުރުމުގެ އަގުތައް ކަނޑައަޅާފައިވަނީ ޑްރައިވަރުންނާ މަޝްވަރާކުރުމަށް ފަހުގައި ބުނި ކަމުގައިވިޔަސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީ ކޯޓަށްވެސް ހާޒިރުކުރި ކަމަށެވެ.

އޭގެ އިތުރުން، ތަކެތީގެ އަގު ބޮޑުވެގެން ދިޔައިރުވެސް ޓެކްސީގެ އަގުތަކަށް ބަދަލު ނާންނާތީވެ، ބައެއް ޓެކްސީ ޑްރައިވަރުންނަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވާފައިވަނީ ބައެއް ޓެކްސީ ޑްރައިވަރުން އާއިލާތަކަށް ހަރަދު ކުރުމަށްޓަކައި އާމްދަނީ ހޯދަމުން ދަނީ ހަމައެކަނި ޓެކްސީ މެދުވެރިކޮށް ކަމަށްވާތީއެވެ.

"އަހަރެމެންނަކީވެސް ކައިގެން ބޮއެގެން އުޅޭ ބަޔެކޭ މިތަނުގަ." އަބްދުﷲ ވިދާޅުވިއެވެ.

އެހެންކަމުން، ޓެކްސީ ޑްރައިވަރުން އިސްނަގައިގެން މިރެއާއި މާދަމާރޭ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި، އެ ބައްދަލުވުންތަކުގައި ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރުމާއި، ޓެކްސީ ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.