ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރު އަޅަން ނުޖެހޭނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮލަމާފުށީ މަގުތައް ހެދުމުގެ މަސައްކަތުގެ މައްސަލައިގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ، ބަނދަރު ހެދުމަށް ކުރިން ޑިމާންޑް އޮތްގޮތަށް މިހާރުގެ ޓްރެންޑަކީ ރަށްރަށުގެ މަގުތަކުގައި ތާރުއެޅުން ކަމަށެވެ. ނަމަވެސް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުތަކުގައި ތާރުއެޅުމުގެ ވިސްނުން ގެންގުޅުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަޅުގަނޑު ދެކެނީ ހުރިހާ ރަށެއްގައި ތާރު އެޅުމަށް ދާން ވިސްނުން އެއީ އެންމެ ބުއްދި ވެރި ގޮތެއް ނޫން. މި ގައުމު ޖަޒީރާ ގައުމެއް ގޮތުގައި އުޅޭއިރު ޖަޒީރާވަންތަ ކަމެއް ވެސް އަޅުގަނޑުމެންގެ ރަށްރަށުގައި، އެ ސިފަތައް ވެސް ހުންނަން ޖެހޭ
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ ބައެއް ރަށްރަށަކީ އެ ރަށުގެ އެއްކޮޅުގައި ހުރެ ބާރަށް ގޮވައިލުމުން އަނެއްކޮޅުގައި ހުންނަ މީހާ އަށް އަޑު އިވޭހާ ކުޑަ ރަށްތަކެއް ކަމަށް ވިޔަސް އެ ރަށްރަށުން ވެސް ތާރު އެޅުމަށް ޑިމާންޑް ކުރާ ކަމަށެވެ.

އެއްކޮޅުގައި ހުރެފައި އަނެއް ކޮޅުގައި ހުންނަ މީހަކަށް ގޮވާލީމަ އަޑުއިވޭ ހިސާބުގައި އޮންނަ ރަށްރަށުގައި ވެސް ތާރު އެޅުމަށް ޑިމާންޑް އެބަހުރި. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ކޮންމެހެން ވެހިކަލްގައި ދަތުރު ކުރަން ޖެހޭ ރަށްރަށް ކަމުގައި. އެރަށްރަށުގައި ތާރު އަޅަން ޖެހޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ ތާރު އެޅުމަށް މިހާރު ވެސް 22 ރަށެއްގައި ކޮންޓްރެކްޓް ހަދާފައިވާ ކަމަށެވެ. އަދި އިތުރު 19 ރަށެއްގައި އެ މަސައްކަތް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.