ޅ. މަޑިވަރުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓު އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.

މަޑިވަރު އެއާޕޯޓް ހުޅުވުމަށް ހުކުރު ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކުރެއްދޫ ހޯލްޑިންގްސް އިން މި އެއާޕޯޓްގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.

މި ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މަޑިވަރުގައި ތަރައްގީކޮށްފައިވަނީ 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.

އެ މަޝްރޫއުގެ ދަށުން ޓާމިނަލާއި އެއާ ކްރާފްޓްތައް ޕާކުކުރުމަށް ހާއްސަ ސަރަޙައްދާއި، ފަޔާ ބިލްޑިންގެއް ހެދުން ހިމެނެ އެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ގިނަ އިމާރާތްތަކުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

މި މަޝްރޫއަކީ 170 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.