ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.

އިނގިރޭސިވިލާތުގެ ހައި ކޮމިޝަންގެ އޮފީސް ރަސްމީކޮށް މާލޭގައި ހުޅުވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިތުރުން، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޯސްލާވެސް ބައިވެރިވެވަޑައިގަތެވެ.

އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ސްޓޭޓްމެންޓް މެދުވެރިކޮށް ދެއްކެވި ވާހަކައިގައި، އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ރާއްޖޭގައި ރަސްމީކޮށް ހައި ކޮމިޝަން އޮފީހެއް ފުރަތަމަ ހުޅުވި ގައުމަކީ އިނގިރޭސިވިލާތް ކަމަށް ވުމުން، އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން، އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ސަފީރު ކެރޮން ރޯސްލާ ވިދާޅުވީ، މިކަމުން ހާމަ ކޮށްދެނީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން ބަދަހިވެފައިވާ މިންވަރު ކަމަށެވެ. އަދި އޭނާ ވަނީ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަކީ ރާއްޖޭގައި ޔޫރަޕްގެ ގައުމަކުން މިހާތަނަށް ހުޅުވި އެންމެ ފުރަތަމަ ހައި ކޮމިޝަނެވެ.