ރަޝިއާއިން ޔޫކްރައިންއަށް ހަމަލާ ދިނުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑު ކަމަށާ، އެކަމުގެ ސަބަބުން އިންސާނުންގެ ފުރާނައަށް ލިބިގެންދާ ގެއްލުން އިންތިހާ ބޮޑުވާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރި ކުރައްވާ ގައުމާ މުހާތަބު ކުރައްވަމުން ބައިޑަން ވަނީ، ރަޝިއާއިން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އެކަމަށް ރައްދު އިޖާބައެއް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއާއި ޔޫކްރައިން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އޮތް ރަޝިއާގެ އަސްކަރީ ފައުޖުގެ މެންބަރުންގެ އަދަދު 150000 އަށް އަރާފައި ވާ ކަމަށްވެސް ބައިޑަން ވިދާޅުވެއެވެ.

ނަމަވެސް ރަޝިއާއިން ވަނީ، ބޯޑަރު ސަރަހައްދުން ބައެއް ސިފައިން ދުރަށް ޖައްސާފައި ވާ ކަމަށްބުނެފައެވެ. ކަން މިހެން އޮތް ނަމަވެސް، ބައިޑަން ވިދާޅުވަނީ އެއީ ސާބިތު ވާހަކައެއް ނޫން ކަމަށެވެ.

ބައިޑަންގެ ވާހަކަފުޅު މިފަދަ ރޫހެއްގައި ހުރި އިރު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ ވިލާތުގައި އިތުރު ހަނގުރާމައެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާ، ރަޝިއާއިން ޔޫކްރައިންއަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، ނޮވެމްބަރު 2021 އިން ފެށިގެން، ޔޫކްރައިންއާއި ރަޝިއާގެ ނުތަނަވަސްކަން ދަނީ އިންތިހާ ބޮޑުވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެމުން ދަނީ އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިންނެވެ.