އީޕީއޭއަށް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ބާރު ދިނުމަށާއި އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިން ހިއްކައިގެން 5 ރިސޯޓެއް ހެދުމަށް ނިންމާފައިވާ މަޝްރޫއު ވަގުތުން ވަގުތަށް ހުއްޓާލުމަށް ތިމާވެއްޓާ ބެހޭ 6 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި، ސޭވް މޯލްޑިވްސް އާއި، ޒީރޯ ވޭސްޓް މޯލްޑިވްސް އާއި، މޯލްޑިވްސް ރިސިލިއަންޓް ރީފްސް އާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް ގުޅިގެން މިއަދު ބެރުނު ނޫސްބަޔާނެއް ގައި ބުނީ، ދިވެހިރާއްޖޭގައި ހިންގަމުންދާ ގިނަ މަޝްރޫއުތައް ހިންގަމުން ދަނީ ރާއްޖޭގެ ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން އެކުލަވާލައިފައިވާ "އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށާއި އެ ސިޓީގެ އިގްތިސޯދު ކުރިއެރުވުމަށް އަލަށް 5 ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ޕްރޮޖެކްޓުން އެފަދަ ގެއްލުންތައް ލިބޭނެ ކަމަށް އީޕީއޭއިން ބުނާ ކަމަށާއި އެކަން ހުއްޓާލަން ސަރުކާރަށް އެ ޖަމްއިއްޔާތަކުން ވަނީ ގޮވާލާފައެވެ.

އެ ޕްރޮޖެކްޓަށް 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ އިރު މަޝްރޫއާ ގުޅޭ އީއައިއޭ ރިޕޯޓާ ހަވާލީ އެ ޖަމްއިއްޔާތަކުން ބުނީ، އެ މަޝްރޫއު ހިންގައިފި ނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި އިތުރު ކަންކަން ހާމަ ކުރަމުން އެ ޖަމްއިއްޔާތަކުން ބުނީ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާއިރު، އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑަށް 2 މީޓަރު އުސްމިނަށް އަޅާނެހާ ވެލި ކަމަށާއި އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުން ކަމަށެވެ. އެ ދެ ސަރަހައްދަށް އެއްކޮށް ބަލާނަމަ އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓްގެ ސަރަހައްދެއް ކަމަށާއި އެ ގޮތައް ވެލި ކޮނެ ނެގުމަކީ އައްޑު އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނޭ ކަމެއް ކަމަށެވެ.

އީޕީއޭ ރިޕޯޓާ ހަވާލާދީ ފާހަގަ ކޮށްފައިވާ ބައެއް ގެއްލުންތައް:

  • ގިނަ އަދަދެއްގެ ވެލި ނަގާ ބިންހިއްކުމުން އެ ސަރަހައްދެއް މުޅިން ކިލަނބުވެ، ކަނޑާއި ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަލާކުވެ މަރުވެގެންދާނެ
  • ވެލި ނަގާ ސަރަހައްދުން ފެށިގެން 5 ކިލޯމީޓަރަށް ވުރެ ވެސް ބޮޑު ސަރަހައްދަކަށް ކިލަނބުގެ އަސަރު ކުރާނެ
  • އަތޮޅު އުފެދިފައިވާ ގޮތުން މާކަނޑަށް ވަދެ ނުކުމެވޭ 4 ކަނޑުއޮޅިއޮންނަ އިރު ދެ މޫސުމުގައިވެސް އަތޮޅުގެ އޮއިވަރު އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައިކަމުން، އަތޮޅުގެ އެތެރެވަރީގައި އުފެދިގެންދާ ކިލަނބުގަނޑު ސާފުނުވެ ދިގު މުއްދަތަކަށް އޮންނާނެ
  • މިމަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދުވިނައިގެ މައްޗަށް ކިސަޑު އެޅިގެން ދާނެ

އަދި މިފަދަ ބޮޑު ގެއްލުމެއް އައްޑު އަތޮޅަށް ދޭނޭ ފަދަ މަޝްރޫއެއް ދައުލަތުން ހިންގުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ގާނޫނު އަސާސީގައިވާ ދެމެހެއްޓެނިވި ތަރައްގީގެ މިންގަނޑުތަކުން ބޭރުވާނެ ކަމެއް ކަމަށް އެ ޖަމިއްތަކުން ބުނެއެވެ. އަދި މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ސަރުކާރަށް ހަނދާން ކޮށްދޭ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

އައްޑޫގައި ތިމާވެށީގެ ގޮތުން ފާޙަގަ ކުރެވޭ ހާއްސަ ސަރަހައްދުތަކެއް ހިމާޔަތް ކޮށް، އެތަންތަން އިޔާދަކޮށް ބަލަހައްޓައި، އަދި އެތަންތަނުގައި އުޅޭ ދިރުންތައް ރައްކާތެރިކުރުމަށް ބާރު އަޅައި 2020 ވަނަ އަހަރު ވަނީ ބަޔޮސްފިއާ ރިސާވްގެ ލަގަބް ދީފައެވެ. ނަމަވެސް މިކަމަށް ވެސް ބެލުމެއް ނެތި މަޝްރޫއު ހިންގަމުން ދާތީ އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.