ފަހާތަނެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށް، އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ތުހުމަތު އުފުލާފައިވާ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ދަށުކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލަ ފެނމަތިވެފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި މައްސަލައިގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އެކި ދުވަސް މަތިން "އެއްލޭ ސްޓިޗަސް" ނަމުގައި ހިންގަމުން ދިޔަ ފަހާތަނެއްގެ ތެރޭގައި ހުންނަ ޗޭންޖިން ރޫމުގައި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި އަދި އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ދެ ބިދޭސީއަކާއި ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގައި ދައުވާކުރި މީހުން:
- ޝެޕޮން ދަލި (ބަންގްލަދޭޝް މީހެއް)
- މުހޮއްމަދު އަލް އަމިން (ބަންގްލަދޭޝް މީހެއް)
- އަބްދުއްރަހީމް ގާސިމް، ހ. ރެދަން، މާލެ
މި މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނިންމާއި ހުކުމް ކުރީ، މި ތިން މީހުންގެ ތެރެއިން ދެ ބިދޭސީ މީހާ އެކުއްޖާއަށް ޖިންސީ ގުޅުން ހިންގާފައިވާ ކަން، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ މިންގަނޑުން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ޝެޕޮން ދަލި އާއި މުހައްމަދު އަލް އަމީންއާ ދެ މީހުން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި، އެ ދެމީހުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރެއިން ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ގައިގައި އަތްލައި ބީހިފައިވާ ކަން ސާބިތުވާ ވަރަށް ހެކި ނެތުމުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ނިންމިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެން ވަނީ ޝެޕޮން މިއާ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މިއަދު ހައިކޯޓުގައި މި މައްސަލަ ބަލައި ގޮތް ނިންމާފައި ވާއިރު، ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުން ނިންމި ހުކުމުގައި ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުއީ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ނިންމާ ވަނީ އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ދަމަހައްޓާފައެވެ.
މި މައްސަލައިގައި ޖިންސީ ގޯނާ އަދި ރޭޕްގެ ޝިކާރައަކަށް ވީ ކުއްޖާއަކީ ސިކުނޑީގެ މައްސަލައެއް ހުރި ކުއްޖެކެވެ. ކުއްޖާގެ މަންމަ ދީފައިވާ ހެކި ބަހުން އެނގޭ ގޮތުގައި ކުއްޖާގެ އުޅުމުން ބަދަލުތަކެއް ފެނިގެން އެތައް ފަހަރަކު ސުވާލު ކުރި ކަމަށް ވެއެވެ. ނަމަވެސް ކުއްޖާ އެ ވާހަކަތައް އޭރު ކިޔައި ނުދޭ ކަމަށާއި އަދި ފަހުން ކުއްޖާ ޕީރިއަޑް ނުވާތާ ދެމަސް ވުމުން ކުއްޖާ ޑޮކްޓަރަށް ދެއްކި ކަމަށް ކުއްޖާގެ މަންމަ ބުނެފައި ވެއެވެ. އަދި އެ ދުވަހު އެ ކުއްޖާ ބަނޑުބޮޑު ކަމަށާއި އެހިސާބުން ސުވާލު ކުރުމުން ބަޔަކު އޭނާއާ ބެހުނީ ކަމަށް ކުއްޖާ ބުނެފައި ވާ ކަމަށް މަންމަގެ ބަޔާނުން އެނގެން އޮވެއެވެ.
މެޑިކަލް ލީގަލް ރެކޯޑް ތައްޔާރު ކުރި ޑރ. މަރިޔަމް އަހްމަދުގެ ހެކިބަހުން އެނގޭ ގޮތުގައި ކުއްޖާ ޕީރިއަޑް ނުވާތާ 2 މަސް ވެގެން އެންމެ ފުރަތަމަ ދެއްކީ ކްލިނިކަކަށް ކަމަށާއި، އޭރު އެ ކުއްޖާގެ ބަނޑަށް 19 ހަފްތާ ވެފައިވާ ކަމަށެވެ. އަދި އެ ކުއްޖާއާ ބަދުއަހްލާގީ އަމަލު، ދެ ބިދޭސީއަކު ހިންގާފައިވާ ކަމަށް އެކުއްޖާ ބުނެފައި ވާ ކަމަށް މަރިޔަމް އަހްމަދުގެ ހެކިބަހުން އެނގެން އޮވެއެވެ.
ފުރަތަމަ މަންމަ ހައްޔަރު ކުރަން ފެނޭ