ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ނިހާނަށް ކުރާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

އެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް އުފުލައިފާ ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މި ދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. އަދި އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ދައުވާ އުފުލުމަށް ފަހު އެ މައްސަލަތަކުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާ އިރު، ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލެކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމުގައިވާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.