ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދައުއުވާގެ ޝަރީއަތް މާދަމާ ހެނދުނު 9:30 ތާވަލު ކޮށްފިއެވެ.
އާރަށުގައި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފާ ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އިއްވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މި މައްސަލައިގާ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނު ވަނީ އެ ދެ ދައުވާއަށް އިންކާރުކުރައްވާފައެވެ. އަދި ދައުލަތުން ދެއްކެވި ވާހަކަތަކުން އެއްވެސް ކަމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށްވެސް ޔާާމީނު ވިދާޅުވިއެވެ.
މީގެ އިތުރުން ފުއްގިރީގެ މައްސަލައިގާވެސް ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގާ އުފުލައިފާ ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.
ފުއްގިރި އާއި އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން ޖޫން މަހުގެ 30 އަށް ވަނީ އަވަސް ކޮށްފައެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް ހުކުމް އިއްވަން ކުރިން ތާވަލްކޮށްފައި އޮތީ ނޮވެމްބަރު 25 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ޖޫން މަހުގެ 30 ވަނަ ދުވަހަށް ހުކުމް އިއްވުން އަވަސް ކޮށްފައި ވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު އާދަމް އާސިފް "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.