ށ. ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާގެ ގޮތުގައި 61 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ނޫމަރާ ބަނދަރު ހަދަން އެ ރަށަށް ގެންދިޔަ 'މެރިން ޕަވާ 2317' ކިޔާ ބާޖު އެ ރަށު ފަރަށް އެރީ އޮކްޓޯބަރު 26، 2019 ގައެވެ.

އީޕީއޭއިން ބުނެފައިވާ ގޮތުގައި އެ ބާޖު ނޫމަރާ ފަރަށް އެރުމުގެ ސަބަބުން ސީދާ ގޮތެއްގައި ފަރުގެ 1،632 އަކަމީޓަރު ސަރަހައްދަށް ގެއްލުން ލިބިފައިވާ ކަމަށް އެ އެޖެންސީން ކުރި ސާވޭތަކުން އެނގޭ ކަމަށެވެ. އަދި ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61،681،316 ރުފިޔާ އިން ބާޖުގެ ވެރިފަރާތް ޖޫރިމަނާކުރިއެވެ. ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބޯޓުގެ ބައިތައް ނަގައި ނިމުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން މިދިޔަ އޯގަސްޓް 19ގައި ކ. ރަސްފަރީ ފަރަށް 'ނަވިއޯސް އަމާރީލިސް' ބޯޓު އެރުމުން ވެސް އީޕީއޭއިން ބޮޑު ޖޫރިމަނާއެއް ކުރިއެވެ. އެ ބޯޓުގެ ފަރާތްތައް ޖޫރިމަނާ ކުރީ 154.2 މިިލިއަން ރުފިޔާ މިހާރު ވަނީ ދައްކައިފައެވެ.