އަރަބިއްޔާ ސްކޫލަށް ކަނޑައަޅާފައިވާ އާ އިމާރާތާ ގުޅުން ހުރި ބައެއް މައުލޫމާތުތައް އެޑިއުކޭޝަން މިނިސްޓްރީން ހިއްސާނުކޮށް ދިގުލައިގެން ގޮސްފައި ވާތީ، އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މީގެ އަށް އަހަރު ކުރިން ބޭނުން ކުރަން ފެށި އަރަބިއްޔާގެ އިމާރާތް ހަލާކުވުމުގެ ސަބަބުން، އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށެވެ.
ނަމަވެސް، އެ މައްސަލާގައި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެ.
އެ މައްސަލާގައި އަރަބިއްޔާގެ ޕީޓީއޭއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވާފައެވެ.
އޭގެ މަސްދުވަހެއް ފަހުން، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި އެދިފައިވަނީ، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އަރަބިއްޔާގެ އާ އިމާރާތް އަޅާ ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ، އެ މަސައްކަތުގެ ތަފްސީލް ލިބޭނެގޮތް ހަދައިދިނުމަށެވެ. އެގޮތުން ބެލެނިވެރިން ހޯދަން އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ:
- ބާ ޖަމާލުއްދީން ގޯތީގެ ބޮޑުމިން (އަކަފޫޓު)
- އަރަބިއްޔާގެ އާ އިމާރާތުގެ ބޮޑުމިން (އަކަފޫޓު)
- ބާ ޖަމާލުއްދީން ހުރި ބިމުގައި އަޅާ އަރަބިއްޔާ އާ އިމާރާތުގެ އުސްމިން (ފަންގިފިލާ)
- ބާ ޖަމާލުއްދީން އިމާރާތް ތަޅާލާ އެ ތަން ސާފުކުރަން ފަށާ ތާރީހު
- އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތްތައް ފެށޭ އަދި ނިމޭ ތާރީހު
ނަމަވެސް، ތިން ހަފްތާ ވެގެން ދިޔައިރުވެސް ބެލެނިވެރިން އެދިފައިވާ މައުލޫމާތު ލިބިފައި ނުވާތީ، ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، މި މައްސަލާގައި ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ.
2013 އިން ފެށިގެން އަރަބިއްޔާ ހިންގަމުން އައީ އަމީނިއްޔާ ސްކޫލް ކުރިމަތީގައި އަޅާފައި ހުރި އިމާރާތުގައެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރުމާއި އިމާރާތް ހަލާކުވެފައި ހުރުމުގެ ސަބަބުން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވާއިރު، މިހާރު އަރަބިއްޔާ ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި ވަގުތީ އިމާރާތުގައެވެ.