އެމްޑިޕީގެ ޗެއާޕާންސަން ހޮވުމަށް އިންތިހާބު ބާއްވަން އިއުލާން ކުރުމާއެކު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން އާންމުންގެ ތަރުހީބު އޮތީ ކޮން ބޭފުޅަކަށްތޯ ބެލުމަށް "ދަ ޕްރެސް" ގެ ފޭސްބުކް ޕޭޖުގައި ވެސް "ޕްރެސް ޕޯލް" ގެ ނަމުގައި ޕޯލެއް ފަށައިފިއެވެ.

މި ޕޯލް ކުރިއަށް ދާނީ މިއަދުން ފެށިގެން 4 ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން ޕޯލްގެ ސުންގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ. މި ޕޯލްގައި ބައިވެރިވެ ވޯޓު ދޭން ބޭނުންވާ ނަމަ މި ލިންކަށް ޒިޔާރަތްކޮށް ވޯޓު ދެވޭނެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ކުރިމަތިލާން އެމްޑީޕީގެ މެންބަރުންނަށް ހުޅުވާލާފައި ވާއިރު، އިންތިހާބުގައި ބައިވެރިވާނެ ކަމަށް އިއުލާން ކުރައްވާފައި ވަނީ ސިޔާސީ ގޮތުން ވާދަވެރި ދެ ބޭފުޅެކެވެ. އެއީ މި ވަގުތު އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިމްތިޔާޒް ފަހުމީ އަދި ފައްޔާޒް އިސްމާއިލް

ފޭސްބުކްގައި "ޕްރެސް ޕޯލް" ފަށާފައިވާ އިރު، މިއަދު މެންދުރު \ވަނީ "ޕްރެސް ޕޯލް" ގެ ނަމުގައި ޓްވިޓާ ހެންޑްލަގައި ވެސް ޕޯލެއް ފަށާފައެވެ. އެ ޕޯލުން މިހާރު ދައްކާ ގޮތުގައި މިހާތަނަށް 90 މީހަކު ވޯޓުގައި ބައިވެރިވެފައިވާ އިރު، 52.2 ޕަސެންޓް ވޯޓާއެކު އިންތި ވަނީ ކުރި ހޯއްދަވާފައެވެ.

އެމްޑީޕީ ޗެއާޕާސްން ކަމަށް ވާދަކުރައްވާކަން އިއުލާން ކުރުމާއެކު، މި އިންތިހާބު ވެސް ވަނީ ދެ ފެކްޝަނަށް ބެހިފައި ކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލު ކުރަމުންނެވެ. ޗެއާޕާސަން ކަމަށް ވާދަ ކުރައްވަން ނިންމެވި ފައްޔާޒް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެއް ކަމަށާއި އަދި އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ބުނަމުންނެވެ. މީގެ ކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވެސް ދެ ފެކްޝަނަކަށް ބެހިފައި އޮތް ކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ވާދަވެރިކަމާއި ފޯރި ދައްކުވައިދޭ ކަމެއް ކަމަށް މީހުން ގަބޫލުކުރެއެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ބަޔަކަށް މެންބަރުންތައް ބެހިފައިވާ ސަބަބެއް ކަމަށް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކާ މެދު އޮތް ހިޔާޅުތަފާތުވުންތަކާ ހެދިއެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްކޮޅުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭއިރު، ދެން ވާދަކުރައްވާނީ މިހާރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަދި މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ކަމަށް ބެލެވެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަން ޕްރޮމޯޓް ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް އަޑު އުފުލަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު ހަމަވެފަައި ވާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައި ވެއެވެ.