ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަމުން ދާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ ރެކޯޑް މުގުރާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު ޖުލައި 15، 2020 ގައި ބޯޑަރު ހުޅުވި ފަހުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ރެކޯޑް އިއްޔެ މުގުރާލާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ވަނީ 7668 ފަތުރުވެރިން ރާއްޖެ އައިސްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ވަނީ 180000 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އޭގެތެރޭގައި ހިމެނެނީ ޖެނުއަރީ މަހު ރާއްޖެ އައި 131،764 ފަތުރުވެރިންނާއި މިމަހު ރާއްޖެއަށް 50000 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝީޔާ، އިނގިރޭސި ވިޔާތު އަދި އިންޑިއާ އިންނެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.