މިއަހަރުގެ މެއި/ޖޫންގައި އޮންނަ އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރާނެ ތާރީހް އިއުލާން ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނީ، މެއި 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރާނީ މި މަހުގެ 13 އިން ފެށިގެން އަންނަ މާޗްގެ 3 ވަނަ ދިވަހާ ހަމައަށް ކަމަށެވެ.

އެޗްއެސްސީ އިމްތިހާނަކީ ގައުމީ މަންހަޖުގެ މަތީ ސާނަވީ ސިލަބަސް ނުވަތަ ކީސްޓޭޖް 5، ގްރޭޑް 11 އަދި 12 ނިންމާ ދަރިވަރުންނަށް ބާއްވަމުން އަންނަ ގައުމީ އިމްތިހާނެކެވެ. މި އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމާއި މާކު ކުރުމާއި ނަތީޖާ ތައްޔާރުކޮށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޑީޕީއީންނެވެ.

މި އިމްތިޙާނު އޮންނާނީ ކޮންމެ އަހަރެއްގެ ވެސް މެއި/ޖޫން މަހުގެ ތެރޭގައެވެ. އަދި މި އިމްތިހާނު އޮންނަ މާއްދާތަކަކީ އިސްލާމީ ތަރުބިޔަތާއި ދިވެހިބަހާއި އަދަބިއްޔާތުންނެވެ.