ވ. އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

އާރަށުގައި މައްސަލއިގައި ޔާމީންގެ މައްޗަށް އުފުލައިފާ ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އިއްވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަންހައި ބޭންކްގެ އެކައުންޓަށް ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކަށް ޖަމާކުރެއްވުމަށް ފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޔާމީން ޖަމާކުރެއްވި ކަމަށް ވެސް އެއެދައުވާގައި ބުނެއެވެ.

އާރަށުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޖަވާބުދާރީ ވާން ދެއްވި ފުރުސަތުގައި ރައީސް ޔާމީން ފުރަތަމަ ވިދާޅުވީ އެމަނިކުފާނަށް ދައުވާ ސާފުނުވާ ކަމަށެވެ. އަދި ދެ ދައުވާގައި ވެސް ކުށުގެ އަމަލާއި އަމަލު ކުރި ވަގުތާއި އަމަލު ހިންގި ގޮތާއި ދައުވާގައި ބަޔާން ކުރާ ނުފޫޒު ފޯރުވަން ކުރި އަމަލާއި އެ އަމަލުގެ ތަފްސީލް ނެތް ކަން ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވާ އެ ކަންކަން ސާފުކޮށްދެއްވަން ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ.

ދައުލަތުން ވަނީ މި މައްސަލައަކީ ތަނެއްގައި ހުރެގެން ކުރެވޭ ކުށަކަށް ނުވާތީއާއިއެކު ތަނާއި ވަގުތު ބަޔާންކުރުން މުހިއްމު ނޫންކަން ފާހަގަކޮށް ދެ ކަމެއް ބަޔާންކޮށްފައެވެ. އެގޮތުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި ޗެކާއި އަހްމަދު އަދީބާއި ޔޫސުފް ނައީމް ފޯނު ދެއްކި ވާހަކަތައް ވެސް ނުފޫޒުގެ ގޮތުގައި ވަނީ ފާހަގަކޮށް، ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރެއްވި ފައިސާއަކީ ކުށުގެ ފައިސާއެއް ކަން އެނގިވަޑައިގަންނަވާ ކަމަށާއި ފައިސާގެ އަސްލު އޮޅުވާލަން ކުރެއްވި ކަމަކީ އެ ފައިސާ އެކި އެކި އެކައުންޓްތަކަށް ބަދަލު ކުރުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެއަށްފަހުވެސް އެ ދައުވާ ސާފުނުވާ ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހަވާލާދީ ދައުލަތުން ދައުވާ ސާފު ކޮށްދޭން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ކަނޑައަޅުއްވައިފައެވެ. އެއަށްފަހު ޔާމީން ވިދާޅުވީ ދައުލަތުން ދެއްކެވި ވާހަކަތަކުން އެއްވެސް ކަމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށާއި އެހެންކަމުން އެ ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށެވެ.

ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.