ހުކުރު ދުވަހު ރ. މީދޫގައި ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ސިލްސިލާކޮށް ހިންގާ މި ހަރަކާތުގައި ރަށްރަށުގައި ވެސް އަންނަނީ މި ހަރަކާތް ފުޅާކުރަމުންނެވެ. ރަށްރަށުގައި އެ ހަރަކާތް ކުރިއަށް ގެންދަން ފެއްޓީ 5 އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށްފަހުއެވެ.

އެގޮތުން މި ކެމްޕެއިން ހަރަކާތް ކ. ގުރައިދޫ، ކ. ތުލުސްދޫ، ފ. ނިލަންދޫ، ށ. ފުނަދޫގެ އިތުރުން ރ. ދުވާފަރުގައި ބާއްވާފައިވާއިރު އެ ރަށް ރަށުގެ ހަރަކާތުގައި ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ހަރަކާތުގައި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. އަދި ޕާލަމެންޓްރީ ގުރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ފާސްކުރީ ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށެވެ.

އެ ޑްރާފްޓް މިހާރު އޮތް ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށް ލުމާއި އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.