ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ބަލާ އިރު، ގިނަ ވެގެން ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގައި ވަނީ ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަތައް އިސްތިއުނާފް މަރުހަލާގައި ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ފާސްކޮށްފައެވެ. ސުޕްރީމް ކޯޓުން ބުނީ މިއަދު އާންމު ކުރި އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާގައި އެ މައްސަލަ ނިންމަން ޖެހޭ މުއްދަތަކީ ގިނަ ވަގެން ހަމަސް ދުވަސް ކަމަށެވެ. އެއީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 63 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެވެ.

ނަމަވެސް އެ މައްސަލަ އެ މުއްދަތުގެ ތެރޭގައި ނުނިންމޭ ފަދަ ހާލަތްތަކުގެ ތެރެއިން، ކުއްލިއަކަަށް ދިމާވާ ކަންކަމާއި، ހައްލު ކުރަން ދަތި މައްސަލައާއި، ހުރަހެއް ދިމާވެގެން ކަނޑައެޅިފައިވާ މުއްދަތުގައި ޝަރީއަތް ނިމިފައި ނުވާ ނަމަ އިތުރު 6 މަސް ދުވަހުގެ ތެރޭގައި އެ މައްސަލަަ ބަލައި ނިންމަން ވާނެ ކަމަށް އެ ގާވާއިދުގައި ބުނެއެވެ. އަދި މައްސަލަ ބަލަން ފެށިތާ ފުރަތަމަ ހަ މަސް ދުވަސް ތެރޭ ނުނިމި މުއްދަތު އިތުރު ކުރާ ނަމަ އެކަން ކުއްޖާގެ ބެލެނިވެރިޔާއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަށް އެ ކޯޓަކުން އަންގަން ވާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

ކުޑަކުއްޖެއް ކުރި ކުށުގެ މައްސަލައެއްގައި ދަށު ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ނިންމާ ނިންމުމެއް ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރާ މައްސަލައެއް ނަމަ، އެ އަމުރާ މެދު ނުވަތަ ނިންމުމާމެދު 7 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ވާނެ ކަމަށް މިއަދު އާންމު ކުރި ގަވާއިދުގައި ބުނެއެވެ.

މީގެ އިތުރުން ވެސް ކުޑަކުޑިންގެ މައްސަލަތައް ނިންމާ އާންމު ކުރާ ރިޕޯޓު ފަދަ ތަކެތީގައި ކުއްޖާގެ ޒާތީ މައުލޫމާތާއި ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އެ ގަވާއިދުގައި ބަޔާން ކުރެއެވެ. އެގޮތުން ގަޒިއްޔާގައި ނަން ދިނުމުގައި ކުއްޖާގެ ނަމުގެ ބަދަލުގައި ކުއްޖާގެ ފުރަތަމަ ނަމުގެ ފެށޭ އަކުރާއި ކުއްޖާގެ މަންމަގެ ފުރަތަމަ ދެ ނަމުގެ ފެށޭ އަކުރު ހިމަނައިގެން އެ ތިން އަކުރު ބޭނުން ކޮށްގެން ނަން ބޭނުން ކުރުމަށް ގަވާއިދުގައި ބުނެއެވެ. އަދި ރިޕީޓުގައި ކުއްޖާއާ ހަވާލާ ދޭ ނަމަ "އިސްތިއުނާފް ކުރި ކުއްޖާ" ނުވަތަ "އިސްތިއުނާފް ރައްދުވާ ކުއްޖްާ" މިހެން ބޭނުން ކުރުމަށް ބުނެފައި ވެއެވެ.