މިދިޔަ މެއި މަހުގެ 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލައާ ގުޅިގެން މަޖިލީހުން ތައްޔާރުކުރި ރިޕޯޓު ތަންފީޒުކުރާ ވަރު ބަލާ ބައްދަލުވުން ސިއްރުކުރަން މަޖިލީހުގެ ސަލާމަތީީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުން މިދިޔަ ޖުލައި މަހު ފާސްކުރި އެ ރިޕޯޓުގައިވާ ކަންކަން ތަންފީޒުކުރެވޭ މިންވަރާ ގުޅޭ ގޮތުން ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީ ދިރާސާކޮށް މަޝްވަރާ ކުރުމަށް މިއަދަށް އޮތީ އެޖެންޑާ ކޮށްފައެވެ.

ނަމަވެސް އެ ސިޓީ އަކީ ސިއްރު ސިޓީއެއްގެ ގޮތުގައި ރައީސް އޮފީހުން ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން، މި މަޝްވަރާތައް ކުރިއަށް ގެންދާއިރު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އެހެންވެ، ކޮމިޓީގެ ނައިބު މުގައްރުރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅުއްވާފައެވެ. ކޮމިޓީގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

45 ލަފައެއްގެ މައްޗަށް އެކުލެވޭ 240 ސަފްހާގެ އެ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މީގެ ކުރިން އަރުވާފައިވާއިރު، ރައީސް ވަނީ އެ ރިޕޯޓުން ފާހަގަކުރެވުނު ކަންކަން އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރާ ވަރު ބެލުމުގެ އިތުރުން، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ޖަލުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކުރާ ދިރާސާ އާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކރި ޒިޔާރަތުގެ ރިޕޯޓު ދިރާސާކުރުން ހިމެނެއެވެ.