ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް ހަރަކާތް މިހާ ހިސާބަށް ދާން ޖެހުނީ ސަރުކާރުގެ އިހުމާލުން ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ދެރަތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު 241 ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައެވެ. ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ، ކޮމިޓީއަށް އެ ސިޓީ ފޮނުވާފައިވަނީ ރާއްޖެއާއި ގުޅުން ބަދަހިކޮށްފައިވާ ބައިނަލްއަގުވާމީ ގައުމުތަކާ ދެކޮޅަށް ރާއްޖޭގައި ހަރަކާތްތައް ފަށައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެ ގެއްލުންތަކާ މެދު ދިރާސާކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ގޮތުގައި ގައުމެއްގައި ހިންގަމުންދާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ އިސްވެރިންނަށް ފާޑުކީދާނެއެވެ. ނަމަވެސް ގައުމުތަކާ ދެކޮޅަށް އިންތިޒާމުކޮށް ހަރަކާތްތައް ހިންގީމަ، އެކަމުގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި މީގެން އަޅުގަނޑުމެންނަށް ލިބިދާނެ ދެރަތަކެއް ވާތީ އަޅުގަނޑު ތިޔަ ބޭފުޅުންގެ ފަރާތުން މި އެދުނީ. ޝުކުރިއްޔާ."

އެހެންވެ، 241 ކޮމިޓީން އެހެން މައްސަލަތައްވެސް ބަލާ އުސޫލުން ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި، އެހެން ގައުމުތަކުގައިވެސް ކަންކަން ހިނގަމުންދާ ގޮތް ބަލައި މި ކަމާމެދު ވިސްނައި ދިރާސާއެއް ކުރުމަށް ނަޝީދު ވަނީ އެ ކޮމިޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މައްސަލައަށް އެންމެ ފުރަތަމަ ބަހުސްކުރައްވައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީޕީއެމް ތަމްސީލްކުރައްވާ ގުރައިދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ނައިބު ރައީސް ގައްސާން މައުމޫން ވަނީ ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

"ސަބަބަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 25 ވަނަ މާއްދާއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދީފަ އޮތްއިރު އެއްވެސް ގާނޫނަކުން އެކަން މަނާނުކުރެވޭ ހާލުގައި މިފަދަ އިންވެސްޓިގޭޝަނެއް ނޫނީ ތަހުލީލެއް މަޖިލީހުގެ ކޮމިޓީއަކުން ގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ނުދެކޭތީ." ގައްސާން ވިދާޅުވިއެވެ.

ނަމަވެސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ މި މައްސަލަ 241 ކޮމިޓީން ބެލުމަށް ހުށަހަޅުއްވާފައެވެ.

އެއަށްފަހު، މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އުޝާމް ވިދާޅުވީ، އިންޑިއާ އައުޓް މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އިންޑިއާ އައުޓް މައްސަލަމި މައްސަލަ މި ހިސާބަށް ދާން ޖެހުނީ އިންޑިއާ އާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ސިއްރުކުރަން ޖެހޭ މިންވަރަށް ވުރެ ސިއްރުކޮށް އެއްބަސްވުންތަކުގައިވާ ކަންކަން ހާމަ ނުކުރުމުން ކަން އުޝާމް ފާހަގަ ކުރެއްވިއެވެ.

"މައްސަލަ މިހިސާބަށް ދާން މި ޖެހުނީ ސިއްރުކުރަންޖެހޭ މިންވަރަށް ވުރެ ބޮޑަށް ސަރުކާރުން ކަންކަން ސިއްރުކުރުމުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އިންޑިއާ އާ އެކީގަ ވެފައޮތް އެއްވެސް އެއްބަސްވުމުގެ އެއްވެސް ބައެއް އާންމުކުރާކަށް ސަރުކާރުން އެއްބަހެއް ނުވި." އުޝާމް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މި ހަރަކާތް ހިންގަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ގައުމުގެ ސިޔާސަތުތަކާ ހިލާފުވާ ނަމަ އެ ގައުމުތަކާ ދެކޮޅަށް މުޒާހަރާ ކޮށްފަ ހުރިކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، އެހެންވެ ގައްސާންގެ މައްސަލައަށް ތާއީދު ކުރައްވާ ކަމަށެވެ. އުޝާމްގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ގައްސާންގެ ނިންމުމަށް ތާއީދު ކުރައްވާފައިވެއެވެ.

އުޝާމަށް ފަހު ވާހަކަ ދައްކަވަމުން، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ އަވަށްޓެރި ގައުމަކާ ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން މިފަދަ ހަރަކާތްތައް އިންތިޒާމް ކުރަންޏާ ވެގެން އުޅޭގޮތް ބަލާލުން މުހިންމު ކަމަށާއި، ބޭރު ގައުމެއްގެ ސިފައިން ތިބެންޏާ ގައުމަށް ނުރައްކަލެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، މި މައްސަލަ ކޮމިޓީން ބެލުމަށް ހަސަން ލަތީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދަށް ފަހު މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ވަނީ މި މައްސަލަ ކޮމިޓީން ބަލައި ދިރާސާކުރުމަށް ހަސަން ލަތީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.

އެހެންކަމުން މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށް ނިންމުމުން، ދިރާސާ ކުރުމުގައި ބަލާނެ ކަންކަން ފާހަގަކޮށްދެއްވުމަށް، މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މައްސަލަ ދިރާސާކުރުމުގައި ބަލާނެ ކަންކަން ފާހަގަކޮށްދެއްވުމަށް އަސްލަމް ދެއްވި ފުރުސަތުގައި މެންބަރުން ކަންކަން ހުށަހެޅުއްވިއިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ އިންޑިއާ އައުޓް ހަރަކާތަށް ފަންޑުކުރާ ބަޔަކު ހޯދުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުން ހުށަހަޅުއްވައި ނިޔާޒް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ އިންތިޒާމުވެގެން ހިންގާ ހަރަކާތެއް ކަމަށް ވުމުން، ފަންޑުކުރާ ބަޔަކު ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، އޭރުން ކޮމިޓީން ހިންގަނީ ތަހުގީގީ އިދާރާއަކުން ހިންގަންޖެހޭ ތަހުގީގެއް ކަމަަށާއި، އެހެންވެ ކޮމިޓީން ހިންގާ ދިރާސާގައި އެކަން ނުބެލޭނެ ކަމަށް ގައްސާން ފާހަގަ ކުރެއްވިއެވެ.

ގައްސާންގެ އެ ނުކުތާއަށް ތާއީދުކުރައްވައި، އަސްލަމްވެސް ވިދާޅުވީ ކޮމިޓީގެ މަރުހަލާގައި އެކަން ބަލަންޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، އެކަމަކު ކޮމިޓީގެ މެންބަރުންގެ ތާއީދު އޮތް ނަމަ، އެކަން ބަލަން ނިންމޭނެ ކަމަށެވެ.

އެއާއެކު، ހަސަން ލަތީފް ވަނީ މި މައްސަލައިގެ ދިރާސާގައި ބަލަން ބޭނުންވާ ކަންކަން ފަހަށް ކަނޑައަޅަން ނިންމެވުމަށާއި، އޭގެ ބަދަލުގައި ކޮމިޓީން ބައްދަލުކުރާނެ ފަރާތްތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ.

އެހެންކަމުން، މި މައްސަލައިގެ ދިރާސާގައި ބަލަންވާ ކަންކަމުގެ ތަރުތީބު ފަހުގެ ބައްދަލުވުމަކަށް ފަސްކުރުމަށާއި، ކަމާބެހޭ އިދާރާތަކާ ބައްދަލުކުރުމަށް ކޮމިޓީން ވަނި ނިންމާފައެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި ރަށްރަށުގައި ފުޅާކޮށް ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.