ހުޅުމާލޭގެ މަސްވެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފިޝަރީޒް ހާބަރު ސަރަހައްދުގައި ތަރައްގީ ކުރެވިފައިވާ މަސްވެރިންގެ މައިޒާން މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ހުޅުމާލެ މަސްވެރިންގެ މައިޒާން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ރަނގަޅުގޮތްތައް ހޯދައިދިނުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތަކީ ކޮވިޑްގެ ބަލިމަޑުގެ ތެރޭގައި އެހެން ހުރިހާ ދާއިރާއެއް ގާތްގަނޑަކަށް ހުއްޓުމަކަށް އައިއިރު ހުއްޓެމެއްނެތި ހިނގަހިނގާ އޮތް ސިނާއަތްކަން ފާހަގަކުރައްވާ މަސްވެރިން ކުރާ ބުރަ މަސައްކަތް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ހުރިހާ ފަރާތްތައް ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
އެޗްޑީސީއިން ބުނީ މަސްވެރިންނަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސަބަބުން ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި އެ ކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށެވެ. އަދި މިއީ މަސްވެރިންނަށް ބޭނުންވާ ގިނަ ކަންތައްތަކާއެކު ކުރު މުއްދަތެއްގެ ތެރޭގައި ބިނާކުރެވިފައިވާ ބޭނުންކުރަން ފަސޭހަ މައިޒާނެއް ކަމަށާއި މުސްތަގްބަލުގައި ވެސް މަސްވެރިންނަށް ދިމާވާ ކަންތައް ބަލާއެކަންތައްތައް ހައްލު ކުރުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކޮށްދޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ މި މައިޒާން ބިނާކުރުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް މަސްވެރި އުޅަނދުފަހަރުގެ ފަޅުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އެ ތަނަށްދާ ދޯނިތަކުގެ މަސްވެރިންނާއި ފަޅުވެރިންނަށް އެ ސަރަހައްދުގައިވާ މައިޒާނުގައި އިށީދެތިބެ ވާހަކަދައްކާލާ ހިޔާލު ބަދަލު ކޮށްލެވޭ ގޮތަށް ޖޯލި އަދި ގޮނޑި، މޭޒު ޖަހާފައިވާއިރު "ޓަކް ޝޮޕް" ނުވަތަ ކުޑަ ފިހާރައިން ކާނާގެ ބާވަތުތަކާއި އެހެނިހެން ސާމާނު ގަނެވޭ ގޮތަށް ހުރުމުގެ އިތުރުން ބޭނުންކުރުމަށް ދެ ފާހަނަވެސް ވަނީ އެ ސަރަހައްދުގައި ހަދާފައެވެ.