ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވި ނަމަވެސް އިންތިހާބުގެ ނަތީޖާއިން ސަރުކާރު ލަދުގަންނަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްއެންޕީ އަދި ޕީޕީއެމްގެ ކެންޑިޑޭޓާއި ވާދަކޮށް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, މި އިންތިހާބަކީ ޕީޕީއެމްއަށް ލިބުނު ކާމިޔާބެއް ކަމަށާއި ސަރުކާރާއި އިންޑިއާގެ ނުފޫޒާ ކުރިމަތިލީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ގިނިކަންޏާ ކަމަށެވެ. އަދި އިންޑިއާގެ އެމްބަސީން ވެސް ރާޝިދަށް ވޯޓު ދިނުމަށް ގޮވާލާ ބަޔާނެއް ނެރުނު ކަމަށާ، ނަމަވެސް ކުޑަ ވަގުތުކޮޅެއް ފަހުން އެ ބަޔާން ގެއްލުނުކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދައުލަތުން ދާއިރާއަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކުރަން ފަށާފައިވާ ކަމަށާއި އަދި މިއީ އެއްވެސް ގޮތަކުން ސަރުކާރަށް ލިބުނު މޮޅެއް ނޫން ކަމަށެވެ. އަދި މިއީ ގައުމަށާއި ޕީޕީއެމަށް ލިބުނު މޮޅެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މި އިންތިހާބަކީ ޕީޕީއެމް އަދި މި ގައުމަށް ލިބުނު ކާމިޔާބެއް، އަދި މި ސަރުކާރަށް ލިބުނު ނާކާމިޔާބީއެއް.
މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މުއިއްޒުގެ އިތުރުން އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެމްއެންޕީގެ ނައިބު ރައީސް އަދި ސައިރިކްސް ކޮލެޖުގެ ޗެއާމަން، އަހްމަދު ޝަރީފް ވިދާޅުވީ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގައި ވޯޓުލި 2885 ވޯޓުގެ ނަތީޖާއިން އެނގޭ އެއްޗަކީ ސަރުކާރު ކޯލިޝަނަށް ލިބުނު ވޯޓު މަދުކަން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގައި ވޯޓުލި 2885 ވޯޓުގެ ނަތީޖާއިން އެނގޭ އެއްޗަކީ ސަރުކާރު ކޯލިޝަނަށް ލިބުނު ވޯޓުމަދުކަން،އަދި އިދިކޮޅަށް ލިބުނު ވޯޓު ގިނަކަން، ސަރުކާރުގެ ކޯލިޝަންގެ ޖުމްލަ ސައްހަ ވޯޓު 1402 އިދިކޮޅަށް ލިބުނު ޖުމްލަ ސައްހަ ވޯޓުގެ އަދަދަކީ 1484 މިއީ ބޮޑުމަންޒަރަކީ
ސައިރިކްސް ކޮލެޖުގެ ޗެއާމަން، އަހްމަދު ޝަރީފް

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވީ 1،401 ވޯޓު ހޯއްދަވައިގެންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އަށް 1،161 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓުއެވެ،

މި އިންތިހާބަކީ ސަރުކާރާއި އިދިކޮޅުން މީގެ ކުރީގެ އިންތިހާބުތަކާ އަޅާ ބަލާ ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އިންތިހާބެކެވެ. މި އިންތިހާބުގައި ބަޖެޓުން ބޭރުން މަޝްރޫއުތަކެއް އެ ދާއިރާގައި ފަށައިފާވާއިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 316.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އެމްޑީޕީ، ޕީޕީއެމް، އަދި އެމްއެންޕީގެ ކެންޑިޑޭޓެއް ވާދަ ކުރެއްވި މި އިންތިހާބުގައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓިއެވެ. އެ ދާއިރާގައި 3 ރަށް ހިމެނޭއިރު މަރޮށި ފިޔަވާ ކޮންމެ ރަށެއްގައި ވަނީ 2 ފޮށި ބަހައްޓާފައެވެ. އަދި މާލޭ އިސްކަންދަރު ސުކޫލުގައި ވެސް ވަނީ 2 ފޮށި ބަހައްޓާފައެވެ.