ވައިގެ މަގުން ރާއްޖެއައި 2 މީހުންގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ ބްރެޒިލް އިން ރާއްޖެ އައި ދެމީހެއްގެ އަތުން ޖުމްލަ 4.263 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެއީ ފެބްރުއަރީ 4 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން ކަމަށެވެ.

އެ ދެމީހުންނާ މެދު ޝައްކުކުރެވިގެން އެ ދެ މީހުންގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާ ކަމަށާއިފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސައިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ 21 އަހަރުގެ ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި ކަމަށާއި 23 އަހަރުގެ އަންހެންމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.503 ކިލޯގުރާމް ހުރި ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21،315،000.00 ރުފިޔާއަށް އަރާފައިވާ ކަމަށާއި މިމައްސަލަތަކުގައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފާ ކަމަށެވެ.