ކޮރޯނާވައިރަށް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އާ ވޭރިއަންޓް، "އޮމިކްރޯން" އުފެދުނީ މީދަލުން ކަމުގައި ވުން އެކަށީގެން ވާ ކަމަށް، ޗައިނާގެ ސައެންސްވެރިން ބުނެފިއެވެ.

އިންސާނުންގެ މެދުގައި މިވަގުތު އިންތިހާ ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއަންޓަކީ މީދަލާ ހިސާބުން ފެށުނު ވޭރިއަންޓެއް ކަމަށް ބަޔާން ކޮށްފައި ވަނީ ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަޖުރިބާކާރުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައެވެ.

2021 ވަނަ އަހަރު ނިމެންދަނިކޮށް ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓްގެ އަސްލު ދެނެގަތުމަށް، ދާއިރާގެ ތަޖުރިބާކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ހޫނު ބަހުސް ކުރަމުން ދިޔަ އެއް މައުލޫއަކީ ޖަނަވާރެއް އިންފެކްޓްވެ، ވައިރަހަށް ބަދަލުތަކެއް އައިސް، އިންސާނުންނާ ހިސާބަށް ފޯރީ ކަމަށެވެ.

މީދަލަކީ ބަލި ފެތުރުމުގެ ދިގު ތާރީހެއް އޮތް މަހުލޫގެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ރިސާޗަރުން މިހާރު ވަނީ، ޖަނަވާރުގެ ކިބައިން ވާރުތަވީ ކަމަށް ބުނާ ނަޒަރިއްޔާއަށް ތާއީދު ލިބޭ ހެކިތަކެއް ހޯދާފައެވެ. އަދި އެންމެ ބޮޑަށް ބުރަވެވެނީ މީދަލަށް ކަމަށް ވެސް ހޯދިފައެވެ.

ޗައިނާގެ ސީޑީސީގެ އިސްވެރިއެއް ކަމަށް ޕްރޮފެސާ ޖިއާންގޫއޯ ޝޫ ވިދާޅުވީ، އޮމިކްރޯން ވޭރިއަންޓަކީ، 2020 ވަނަ އަހަރުގެ މެދަކާ ހިސާބުގައިވެސް އުޅުނު ވޭރިއަންޓެއް ކަން ހޯދިފައި ވާ ކަމަށެވެ. އޭރު މި ވޭރިއަންޓް އުޅުނީ ޖަނަވާރުތަކުގެ ތެރޭގައި ކަމަށާ، ފާއިތުވީ ދުވަސްތަކުގައި މިއުޓޭޓްވެ، އިންސާނުންނާ ހިސާބަށް ފޯރީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޮމިކްރޯންއަކީ ހަގީގަތުގައިވެސް މީދަލުގެ އާބާދީއިން އިންސާނުންނާ ހިސާބަށް ފޯރި ވޭރިއަންޓަކަށް ވެއްޖެނަމަ، ކޮވިޑް-19ގެ ބަލިމަޑުކަން ކޯންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

ކަން މިހެން އޮތް އިރު، ކޮވިޑް-19ގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.