ރައްޔިތުން މަޖިލީހުގެ ބައިއިލެކްޝަނާ ދިމާކޮށް ށ. ކޮމަންޑޫ ކައިރީގައި މަސްކަނދުފައްޗެއް އަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ކޮމަންޑޫ ކަނދުފަތި، ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ބޭރުގައި މިއަދު ގާއިމް ކޮށްފައިވާ ކަމަށެވެ. މިސަރަހައްދުގައި ކުރިން ވެސް ދޮށީގެ މަސްވެރިކަމަށް ހާއްސަ މަސްކަނދެއް އޮތް ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމަންޑޫ ކަނދުފަތި ކަނޑައިގެން ގޮސްފައި އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެރަށް ކައިރީގައި ކަނދުފަތި އަޅާފައި މިވަނީ ކަނދުފަތި އެޅުން ލަސްވެގެން މަސްވެރިންގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.

މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ކޮމަންޑޫ ހިމެނޭހެން އެ ދާއިރާގެ ރަށްތަކުގައި އިއުލާނު ކޮށްފައެވެ. އޭގެތެރޭގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުއާއި ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމާއި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު (ކެނޑިޑޭޓް ނަންބަރު އެކެއް)އެވެ. ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް (ކެނޑިޑޭޓް ނަންބަރު ދޭއް) ވާދަކުރައްވާއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސް (ކެނޑިޑޭޓް ނަންބަރު ތިނެއް)އެވެ.