ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު "އޯޝަން 50|6" ހަރަކާތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިން އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިން އިވެންޓެކެވެ.

އިއްޔެ ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި މި ހަރަކާތް އިފްތިތާހްކޮށްދެއްވާ ފަޒްނާ ދެއްކެވި ވާހަކަފުޅުގައި މި ހަރަކާތް އެންމެން ޝާމިލުވާގޮތަށް ކުރިޔަށް ގެންދިއުމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭން ވެސް މިކަމުގައި ޝާމިލުވެވޭނެ ފަރާތްތަކުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިކަމަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަ ބާވެސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކަމަކަށްވާއިރު ކުޑަކުދިންނަށް މިހަރަކާތަކީ ކިހާ މުހިންމު ހަރަކާތެއްކަން ކިޔައިދޭ އަދި ދައްކުވައިދޭން ޖެހޭކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުންކަން ކުދިންނަށް އަންގައިދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އޯޝަން 50|6" ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަގައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ،

އަދި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ޑައިވިންކޮމިއުނިޓީ، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.