2016 އަހަރު މާލޭގައި ކުޑަކުދިންތަކެއް ހިންގި މާރާމާރީއެއްގައި، 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ޖަހައި މަރާލި މައްސަލައިގައި، ކުޑަ ކުއްޖަކަށް އިއްވި 16 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
ޖޫން 3، 2016 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މ. މަދަންގެ އާ ދިމާލަށްވާ ގޮތަށް މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ތިބި ބަޔަކާއި އިތުރު ބަޔަކާ ދެމެދު ހިންގި މާރާމާރީއެއްގައި 14 އަހަރުގެ ކުއްޖެއްގެ ކަރާ ދިމާލުން ކަނާތް ފަރާތަށް ވަޅި ހަރާލުމާ ގުޅިގެން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދަނިކޮށް އެ ކުއްޖާ ވަނީ މަރުވެފައެވެ. 14 އަހަރުގެ ކުއްޖާގެ ކަރަށް ވަޅި ޖެހި ކުއްޖާއަށް ހަމަލާ ދިނުމުގައި ތިން ކުއްޖަކު ބައިވެރިވެފައިވާ އިރު އެ ކުއްޖާ ކަރަށް ވަޅި ޖެހީ އެއް ކުއްޖަކު ކަމަށް ސާބިތުވެ އެ ކުއްޖާއަށް 2019 ވަނަ އަހަރު ޖުވެނައިލް ކޯޓުން ހުކުމް ކުރީ، 16 އަހަރާ 8 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.
14 އަހަރުގެ ކުއްޖާގެ ކަރަށް ވަޅި ޖެހި ކުއްޖާއަށް މިހާރު 18 އަހަރު ފުރިފައިވާ އިރު، އޭނާގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް 2019 ގައި ހުކުމް ކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ. ދައުވާ ލިބޭ ކުއްޖާ ބުނީ، އޭނާ ހަމަލާ ދިން ފަހުން މަރުވި ކުއްޖާގެ ގައިގައި ޖަހާ އެހެން ބަޔަކު އެކުއްޖާއަށް އަނިޔާކުރި ކަމަށެވެ. އެހެންކަމުން، ކުއްޖާ މަރުވީ އޭނާގެ އަމަލުގެ ސަބަބުން ކަމަށް ނުބުނެވޭނެ ކަމަށެވެ.
އިއްޔެ ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ބުނީ، 14 އަހަރު ކުއްޖާ މަރުވި މާރާމާރީ ހިންގިކަން ހެކިންނާއި ގަރީނާތަކުން ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށެވެ. އަދި ހެކީންގެ ހެކި ބަހުންނާއި ގަރީނާތަކުން، މާރާމާރީ ހިންގި މީހުންގެ ތެރެއިން ދައުވާ ލިބޭ ކުއްޖާ ޔަގީންކޮށް އައިޑެންޓިފައި ކުރެވިފައިވާ ކަން އެނގޭ ކަމަށެވެ. އޭގެ އިތުރުން، ދައުވާ ލިބޭ ކުއްޖާގެ އަތުގައި ވަޅިއެއް އޮތް ތަން ސީދާ ފެނިފައިވާ ކަމަށާއި، މަރުވި ކުއްޖާގެ ކަރަށް ދައުވާ ލިބޭ ކުއްޖާ ހަމަލާދިން ތަން ފެނުނު ކަމަށާއި، މަރުވި ކުއްޖާގެ ގައިން ލޭ ފައިބާ ތަން ފެނުނުތަން ދުށް މީހުންގެ ހެކިބަސް ލިބިފައިވާ ކަން ވެސް ހައި ކޯޓުގެ ހުކުމްގައި ފާހަގަ ކޮށްފައި ވެއެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނީ، މަރުވި ކުއްޖާއަށް ދައުވާ ލިބޭ ފަރާތުން ހަމަލާ ދިންކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި އަދި ޑޮކްޓަރުންގެ ބަހަށް ބަލާއިރު، ކުއްޖާ މަރުވުމާ، ދައުވާ ލިބޭ ކުއްޖާގެ ކުށުގެ އަމަލާ ގުޅޭ ކަމަށެވެ. މި މައްސަލައިގައި އެ ކުއްޖާއަށް ޖަލު ހުކުމެއް އިއްވީ މަރުވި ކުއްޖާގެ ވާރިސުން ގިސާސް ހިފަން ބޭނުން ނޫން ކަމަށާއި، ބޭނުން ވަނީ މަރުގެ ދިޔަ ކަމަށް ބުނެފައި ވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ. ހުކުމް ކުރި އިރު، މަރުގެ ދިޔަ ނަގައިދެމުން ދިޔަ ގަވާއިދު ވުޖޫދުގައި ނެތުމުން، ކޯޓުން ކަނޑައެޅީ ދިޔަ ހޯދުމަށް ވަކިން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ހައިކޯޓުން ނިންމާ އޭރު ޖވެނައިލް ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މަރުވި ކުއްޖާގެ މެޑިކޯ ލީގަލް ރެކޯޑު ތައްޔާރު ކުރި ޑޮކްޓަރުން ބުނެފައި ވަނީ އެ ކުއްޖާގެ ކަރުގެ ކަނާތް ފަރާތަށް ތޫނު އެއްޗަކުން ލިބިފައި ހުރި ހަތަރު ސެންޓި މީޓަރު ދިގު ދެ ސެންޓިމީޓަރު ފުޅާމިނުގެ ޒަހަމެއް ހުރި ކަމަށާއި، އެ ކުއްޖާ މަރުވީ ކަރަށް ލިބުނު އަނިޔާގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ޝޮކަކަށް ގޮސްގެން ކަމަށެވެ.