ބައި-އިލެކްޝަނާ ދިމާކޮށް ބަޖެޓްގައި ހިމާނާފައި ނުވާ މަޝްރޫއުތަކެއް ކޮމަންޑޫގައި ފަށައިގެން ކުރިއަށް ގެންދާ މައްސަލައިގައި ގޮތެއް ނިންމޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެންބަރުން އައްޔަން ކޮށްގެން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޖެޓުގައި ނެތް މަޝްރޫއެއް ފަށާފައިވާ ކަމަށް ބުނާ މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. މީގެ ކުރިން އެސީސީން ބުނެފައި ވަނީ އެމައްސަލަ ދިރާސާ ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ މައްސަަލައިގައި ގޮތެއް ނިންމެން އޮތީ އެ ކޮމިޝަން ގެ މެންބަރުން އައްޔަން ކުރުމުން ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މިއަދު ބުންޏެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނަށް އެއްވެސް ކަމެއް ނިންމޭނީ އެ ކޮމިޝަންގެ ޖަލްސާއެއްގައި މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. މިވަގުތު އެ ކޮމިޝަންގައި އެއްވެސް މެންބަރަކު ނެތުމުން ގާނޫނީ ގޮތުން އެ ކޮމިޝަނަށް އެއްވެސް ކަމެއް ނިންމުމުގެ ބާރެއް ނެތެވެ. އެހެންކަމުން އަލަށް ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވިޔަސް، އެ ކޮމިޝަނަށް އެކަމުގައި ފިޔަވަޅުތައް އެޅުމުގެ ބާރެއް ގާނޫނީ ގޮތަކުން މިހާރަކު ނެތެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރަން ސަރުކާރުން އެ ދާއިރާގައި ކުއްލި ގޮތަކަށް މަޝްރޫއުތައް ފަށާފައިވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެ ދާއިރާގެ ގޮނޑި ހުސްވެ ބައި އިލެކްޝަން އިއުލާންކުރި ފަހުން އާ މަޝްރޫއުތަކެއް އިއުލާން ކުރި އިރު، އޭގެ ތެރޭގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމާއި ކޮމަންޑޫގައި އައިސް ޕްލާންޓެއް އެޅުމާއި ކޮމަންޑޫގެ އެއްގަމު ތޮށި އަދިި ބަނދަރުގެ ކަނޑުތޮށި މަރާމާތު ކުރުމާއި ށ. އަތޮޅުގައި ތިން ރިސޯޓެއް ތަރައްގީކުރަން ހުޅުވާލުމާއި ފޯކައިދޫ ޗަސްބިމަށް ވެލި އަޅައި ގޯތި ދޫކުރުން ހިމެނެއެވެ.
މީގެ ތެރޭގައި އެންމެ އަގު ބޮޑު މަޝްރޫއަކީ ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވައިލުމާއި، ބޯހިޔާވަހިކަމުގެ ހައްލަކަށް ދެ ރަށް ގުޅައިލަން އެމްޓީސީސީއާ ހަވާލު ކުރި 249 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ހަމައެއާއެކު ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމަށް ކުއްލި ގޮތަކަށް ފެނަކައާ ހަވާލުކުރި ފަސް މިލިއަން ރުފިޔާގެ މަޝްރޫއަކީ ވެސް ފަހުން އިުއލާން ކުރި އަގު ބޮޑު އެއް މަޝްރޫއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިއުލާނު ކޮށްފައި ވަނިކޮށް، މިފަދަ މަޝްރޫއުތަކެއް އެ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާތީ، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާލު ކުރަމުންނެވެ. އަދި މި މައްސަލަ އޭސީސީއަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ނުނިންމޭ ގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ވުމުން ވެސް މި ވަގުތު ސަރުކާރަށް އަމާޒުވަމުންދާ ފާޑު ކިޔުންތައް މި ވަނީ އިތުރުވެފައެވެ.
އޭސީސީއަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމުގެ ތުހުމަތާ އެކު، އެ ކޮމިޝަންގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމުން، އެ ކޮމިޝަންގެ ހުރިހާ މެންބަރުން މިދިޔަ ޑިސެމްބަރު މަހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ރާއްޖޭގައި ފުލުހުން ފިޔަވައި ޖިނާއީ ތަހުގީގު ހިންގުމުގެ ގާނޫނީ ބާރު ލިބިފައިވާ އެންމެ ބޮޑު މުއައްސަސާ ގާނޫނީ ހުސްކަމެއްގައި އޮންނަތާ މިހާރު މަސް ދުވަސް ވެއްޖެއެވެ.
އޭސީސީއަށް މެންބަރުން އައްޔަން ކުރުމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ދެ ފަހަރެއްގެ މަތިން މިދިޔަ މަހުގެ ތެރޭ ހުޅުވާލިއެވެ. ފުރަތަމަ ފަހަރު އެދެވޭ ވަރަށް ފޯމް ހުށަހަޅާފައެއް ނުވުމުން، ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލުމުން 30 އަށް ވުރެ ގިނަ މީހުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ފަށާފައެވެ. އެހެންކަމުން ލަހެއް ނުވެ އޭސީސީގެ މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ފަށައި އޭސީސީގެ މައްސަލަތައް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.