ލައިސަންސް އޮވެމެ، ޕެރަސެޓަމޯލް އުފައްދަން ފެއިލްވި ޕާކިސްތާނުގެ 15 ފާމަސޫޓިކަލް ކުންފުންޏަކަށް، އެ ގައުމުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއިން ނޯޓިސް ދީފިއެވެ.

ޕާކިސްތާނުގައި މިވަގުތު ޕެރަސެޓަމޯލް ލިބުން ދަތިވެގެން އުޅެނީ، ޑެންގީ ހުން އިތުރުވަމުން އަންނާތީ ކަމަށް ވަނީ ނިންމާފައެވެ. ޑެންގޫ ހުން ފެތުރޭ މޫސުން ނިމުމަކަށް އަންނައިރު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ދަނީ އިންތިހާ ހަލުވި ދުވެލީގައި އިތުރު ވަމުންނެވެ.

މި ދުވަސްވަރަކީ ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑްގެ ބަލިމަޑުކަން ދުނިޔޭގެ ހުރިހާ ހިސާބެއްގައި އިންތިހާ ހަލުވި މިނުގައި ފެތުރެމުން ދާ ދުވަސްވަރަކަށް ވާއިރު، ޕެރަސެޓަމޯލްއަކީ ކޮވިޑް ޕޭޝަންޓުންނަށްވެސް އެންމެ ގިނައިން ދެމުން އަންނަ އެއް ބޭހެވެ.

މި ފަދަ ދަނދިވަޅެއްގައި ޕާކިސްތާނުގެ ފާމަސީތަކުން ޕެރަސެޓަމޯލް "ހުސްވެ" ކަޅު ބާޒާރުގައި މި ބޭސް ވިއްކަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއައިން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ކަޅު ބާޒާރުގައި ޕެރަސެޓަމޯލް ވިއްކަނީ ކިހާ ބޮޑު އަގެއްގައި ކަމެއް ސާފެއް ނުވެއެވެ.

މިފަދަ ހައްސާސީ ފައްތަރެއްގައި ގައުމު އޮތް އިރު، ލައިސަންސް އޮތް ފަރާތްތަކުން ޕެރަސެޓަމޯލް އުފައްދަމުން ނުދަނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

ޕާކިސްތާނަށް މިހާރު ކުރިމަތިލާން ޖެހިފައި ވަނީ ކޮވިޑް-19ގެ 5 ވަނަ ރާޅާއެވެ. އަދި އެ ގައުމުގެ އެކްޓިވް ކޭހުގެ އަދަދު، 1 ލައްކައިގެ ފާހަގަ ހުރަސް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.