ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހު 30 ވަނަ ދުވަހު ހުޅުމާލޭގައި ދިވެހި އަންހެނަކާ ގަދަކަމުން ފިރިހެނަކު ޖިންސީ އަމަލު ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އަދި މިހާރު އިތުރު ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.