އިންތިހާ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ދާ ސިއްހީ ދާއިރާގެ ތެރެއިން އުފެދޭ ކުނި ނައްތާލުމަކީ ކުރިމަތިލާން ޖެހިފައި ވާ ބޮޑު ގޮންޖެހުމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އާންމުން ހިނގާބިނގާވެ އުޅޭ މަގުތަކަށް ބަލާލި ކަމުގައި ވީ ނަމަވެސް މާސްކު ފަދަ ތަކެތި، އެކި ތަންތަނަށް އުކާލާފައި ހުންނަ މަންޒަރު އާންމު ވެފައި ވާއިރު، މިއީ އަދިވެސް މި ބަލިމަޑުކަމުން ދުނިޔެއަށް އަރައިގަނެވިފައި ނުވާ ކަމުގެ ހެއްކެކެވެ.

ސިއްހީ ހިދުމަތްތެރިން ޕީޕީއީގައި / ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް-19އާ ގުޅިގެން ސިއްހީ ދާއިރާގެ ތެރެއިން އުފެދޭ ކުނިބުންޏާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިން ތައްޔާރު ކުރި ހާއްސަ ރިޕޯޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ކޮވިޑް-19އަކީ މި ގަރުނުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ސިއްހީ ކާރިސާ ކަމުގައި ވީ ނަމަވެސް، އެ ކާރިސާއާ ގުޅިފައިވާ އިތުރު، ގިނަ ގޮންޖެހުންތަކަކާ ގައުމުތަކަށް ކުރިމަތިލާން ޖެހިފައި ވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން އަންދާޒާ ކުރާ ގޮތުގައި، މާޗް 2020 އާއި ނޮވެމްބަރު 2021 އާ ދެމެދު 87000 ޓަނުގެ ޕީޕީ ވަނީ، އދއާއި ގުޅިގެން ހިންގުނު އެކި ހަރަކާތްތައް މެދުވެރިކޮށް، ދުނިޔޭގެ އެކި ހިސާބުތަކަށް ކާގޯކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ، ވަކި ހިސާބަކުން، ކުނީގެ ގޮތުގައި އުކާލާނެ ތަކެއްޗެވެ. މިއީ ކޮވިޑާއެކު ކުރިމަތިލާންޖެހިފައި ވާ ކުނީގެ ކާރިސާގެ ތަސްވީރުން ކުޑަ މިންވަރެކެވެ. އދގެ އެމާޖެންސީ މަޝްރޫއުގެ ބޭރުން ގަނެފައިވާ މިފަދަ ތަކެއްޗާ، އާންމު ފަރުދުން ބޭނުން ކުރާ މިފަދަ ސަމާނުގެ ހިސާބު ކިތާބެއް، ޑަބްލިއުއެޗްއޯގެ ރިޕޯޓްގައި ހިމަނާފައެއް ނުވެއެވެ.

ބޭނުން ކުރުމަށް ފަހު އެއްލާލާފައި ވާ މާސްކެއް / ފޮޓޯ: ގާޑިއަން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އުފެދޭ ޕްލާސްޓިކްގެ ތަޣައްޔަރުކަންވެސް ކުޑައެއް ނޫނެވެ. އެގޮތުން ޓެސްޓު ކިޓުތަކުގެ ވާހަކަ ފާހަގަ ކުރަންޖެހެއެވެ. ހަމަ މިއާއެކު 731000 ލީޓަރުގެ ކެމިކަލްވޭސްޓްވެސް ހިމެނޭ ކަމަށް އދއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން ކޮވިޑް ވެކިސިން ކެމްޕޭނުން އުފައްދާ ކުނިވެސް މަދެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 8 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ޖަހާފައި ވާ އިރު، ސިރިންޖާ، ކައްޓާ، ސޭފްޓީ ބޮކްސްގެ ގޮތުގައި އިތުރު 144000 ޓަނުގެ ކުނި އުފެދޭ ކަމަށް އދއިން ބުނެއެވެ.

ކަން މިހެން އޮތް އިރު، ސިއްހީ ދާއިރާއިން އުފެދޭ ކުނި، އެންމެ ރައްކާތެރި ގޮތުގައި ނައްތާލުމަކީ އެންމެ ކުޑަކޮށް ތަރައްގީ ވެފައި ވާ ގައުމުތަކަށް ކުރިމަތިލާން ޖެހިފައި ވާ ބޮޑު ގޮންޖެހުމެކެވެ.

އެހެން ކަމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސިއްހީ އާލާތްތައް ބަންދުކޮށް، ކާގޯކޮށް ހެދުމުގައި ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އަމަލު ކުރުމަށް އިރުޝާދު ދީފައެވެ.