އިންތިހާއަށް މަސްރަހު ނުތަނަވަސްވެފައި ވާ ޔޫކްރައިންއާ ދެކޮޅަށް، ރަޝިއާ ހަނގުރާމައަކަށް ގެންދަން މަސައްކަތް ކުރަމުން ދަނީ އެމެރިކާއިން ކަމަށް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ތުހުމަތު ކުރައްވައިފިއެވެ.

ޔޫކްރައިންއާއި ރަޝިއާގެ މަސްރަހު ނުތަނަވަސްވާން ފެށި ފަހުން، ތަފްސީލީ ގޮތެއްގައި ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި ޕޫޓިން ވިދާޅުވީ، އެމެރިކާގެ އަމާޒަކީ، ކުރުމަތިލުމަކީ އުޒުރެއް ކަމަށް ހަދާ، ރަޝިއާއާ ދެކޮޅަށް، ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.

އަދި ވިލާތުގައި އޮތް ނޭޓޯގެ އިއްތިހާދީ ފައުޖާ މެދު ރަޝިއާއިން ފާޅު ކުރަމުން ދާ ކަންބޮޑުވުންތަކަށް އެމެރިކާއިން ބީރު ކަންފަތެއް ދެމުން އަންނަ ކަމަށްވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންއަށް ނޭޓޯގެ މެންބަރުކަން ދިނުމާ ދެކޮޅަށް ރަޝިއާއިން ދަނީ ވަކާލާތު ކުރަމުންނެވެ. ޔޫކްރައިންއަށް މެންބަރުކަން ދިނުމަކީ، އިތުރު ގައުމުތަކެއް ރަޝިއާއާ ދެކޮޅަށް ހަނގުރާމައަށް ނިކުންނާނެ ސަބަބެއް ކަމަށްވެސް ރަޝިއާއިން ތުހުމަތު ކުރެއެވެ.

ރަޝިއާއާއި ޔޫކްރައިންގެ މަސްރަހަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓެމުން އަންނައިރު، ރަޝިއާއިން ވަނީ 2 ގައުމު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި 1 ލައްކަ ސިފައިންގެ ފައުޖެއް ރުކުރުވާލާ، ބްލަންޑް ބޭންކެއްވެސް ގާއިމު ކޮށްފައެވެ. މިއީ ރަޝިއާއިން ޔޫކްރައިން ހިފަން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް، އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ދަނީ ތުހުމަތު ކުރަމުންނެވެ.

އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ގައުމުތަކުގެ ތުހުމަތުތަކަށް ރަޝިއާއިން އިންކާރު ކުރެއެވެ. ނަމަވެސް އެ ގައުމުގެ ސަލާމަތީ މަސްލަހަތު ގުރުބާން ނުކުރާނެ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ނިސްބަތުން ނިއުކްލިއާ ހަތިޔާރުގެ އެންމެ ބޮޑު ސްޓޮކެއް ގެންގުޅޭ އެމެރިކާއާއި ރަޝިއާގެ ކޯޅުންތަކަކީ، 1947 އިން 1989ގެ ނިޔަލަށް ކުރި ފިނި ހަނގުރާމައިގެ ދުވަސްވަރާ ހިސާބަށްވެސް ދެމިގެންދާ ކޯޅުންގަނޑެކެވެ.