އުފަންވިއިރު ވެސް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ 6 ކުއްޖަކަށް ފަރުވާދެމުން އަންނަ ކަަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް ޖެހިފައިވާ 12 ކުޑަ ކުއްޖަކަށް ކޮވިޑް ވޯޑްތަކުގައި ފަރުވާދެމުން ގެންދާ ކަމަށެވެ. އޭގެ ތެރެއިން 6 ކުއްޖަކީ އުފަންވިއިރު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުދިން ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި ދެ ކުއްޖަކަށް "ސެއިޒާސް" ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދަު އިތުރުވަމުން ދާއިރު އިއްޔެ އެކަނިވެސް ވަނީ ޖުމްލަ 2754 މީހުން ޕޮޒިޓިވް ވެފައެވެ. ކުރިން ކޮވިޑް ފެނިފައި ވަނީ މާލޭއިން ނަމަވެސް ފުރަބަންދު ކަރަންޓީނަށް ދިން ލުޔާއެކު އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މަތިވަމުން އަންނަ އިރު ކޮވިޑްގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ މިސް ސީ ބަލި ރާއްޖޭގައިވެސް ދަނީ ފެންނަމުންނެވެ. ރެކޯޑުތަކުން ދައްކާ ގޮތުން، މިިސް ސީ ޖެހިގެން 19 ކުއްޖަކަށް މިހާތަނަށް ފަރުވާ ވަނީ ދީފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކު މަރުވެފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.

މި މަސް ފެށިގެން އައިރު 200 އިން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި ނަމަވެސް މިހާރު ކޭސްތައް އަންނަނީ 3000 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1000 އިން މަތިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ އިރު ރަށްރަށުން އަންނަނީ 700 އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުންނެވެ.