ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން މިއަދުވެސް ކެންސަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދު ބާއްވަން ތާވަލު ކޮށްފައި ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވާންދެން އޭނާގެ ޝަރީއަތް ފަސްކޮށްފައި އޮތުމަށް ފަހުގައެވެ. ނަމަވެސް މިއަދަށް ތާވަލްކޮށްފައިވާ އަޑުއެހުން ކްރިމިނަލް ކޯޓުން ވަނީ ކެންސަލް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، އާޒިމާގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ، އޭނާގެ ގާނޫނީ ވަކީލު މިވަގުތު ކަރަންޓީނުގައި ހުރުމުގެ ސަބަބުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެޔާޒް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ދައުލަތުގެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާއެވެ.

ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދުގެ ވެރިކަންތަކުގައި އާޒިމާ ވަނީ ބަންޑާރަ ނައިބުގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި އެއީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަ ނައިބެވެ.