ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމިއްޖެ ކަަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ އައު ހާބަ ބޭސިން ފުން ކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުން ކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 64.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.